ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީސީބީގެ ރައީސް މަގާމަށް މިއަދު ހަމަޖެއްސީ ގއ. ދެއްވަދޫ، މުހައްމަދު އަނަސް އެވެ.
ޕީސީބީގެ ރައީސް މަގާމަށް މުހައްމަދު އަނަސް ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މަގާމުން ވަކި ކުރެއްވުމަށްފަހު އެވެ.
އަނަސް އަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން މާސްްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ހާޓްފުޑްޝާ އިން އެކައުންޓިން ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އަނަސް ވަނީ މިސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަމާއި ފިނޭންސް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ފުރުއްވާފަ އެވެ. މީގެއިތުރުން މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ.