ކެބިނެޓް

ކުންފުނިތައް ފައިދާގައި ހިންގުމަށް އާ ސިޔާސަތެއް ތަންފީޒުކުރަން ފަށަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ފައިދާގައި ހިނގާ އަދި ހިންގުމުގައި ދައުލަތުން ހަރަދެއްކުރަން ނުޖެހޭ ތަންތަނަށް ބަދަލުކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތަކެއް ރައީސް މުހައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފާއަށް ބެއްލެވުމަށްފަހު އެވެ.

ރައީސް ކަނޑައެޅުއްވި ސިޔާސަތުތަކުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކުރެވޭ އުސޫލު މުރާޖާކޮށް، ވަކިވަކި ކުންފުނިތަކަށް ހާއްސަ ކީ ޕާފޯމަންސް އިންޑިކޭޓާސް (ކޭޕީއައި) ކަނޑައެޅުން ހިމެނެ އެވެ. އަދި ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ސަބްސިޑީ ދޭންޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށްވެސް ނިންމެވި އެވެ.

އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި އެކުލަވާލައި ތަންފީޒުކުރަން ފެށުމަށްވެސް މިއަދު ނިންމަވާފައިވެ އެވެ. އަދި އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ކުންފުނިތައް ހަރުދަނާކުރުމަށް އަންނަ 2025 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ ހަމައަށް ފުރުސަތުދީ އެ މުއްދަތުގެ ތެރޭގައި ނަތީޖާ ނުނެރެވޭނަމަ އެފަދަ ކުންފުނިތައް އަލުން އެކުލަވައިލުން، އެއްކޮށްލުން ނުވަތަ އުވާލުމުގެ މަސައްކަތް ކުރުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި ހުރިހުރުމަށް ހައްލެއް ގެނައުމުގެ ގޮތުން، މިހާރު މި މަސައްކަތް ކުރަމުންގެންދާ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިތުރުން، އާ ކުންފުންޏެއް އުފެއްދުމަށްވެސް މިއަދު ވަނީ ނިންމަވާފަ އެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެ ތަންތަނުގެ ހިންގުމަށް ހަރަދެއްކުރަން ނުޖެހި، ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށް ސިޔާސަތުތައް އެކަށައެޅުމަކީ ރައީސް މުއިއްޒުގެ ހަފުތާ 14ގައި ހިމެނޭ ކަމެކެވެ.