ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް މިއަދު އުފައްދަވައިފި އެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.