ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށް ވުރެ ގިނަ ފައިސާ ނުލިބިވާ ކަމަށެވެ. މީގެތެރެއިން ބޮޑު ބައެއް ހިމެނެނީ ބިމުކުއްޔާއި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާގެ ތަފްސީލް އިތުރަށް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މީގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބިމު ކުލީގެ ގޮތުގައި 513 މިލިއަން ޑޮލަރާއި ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން ޑޮލަރާއި އަދި ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކާއި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ އެއް ބިލިއަން ރުފިޔާވެސް ނުލިބިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނުލިބި ވަނީ އެ ފައިސާ ހޯދަން ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ ކަމަށެވެ. މިއީ ގާނޫނީ ގޮތުން ލިބެންޖެހޭ ފައިސާ ކަމަށްވާތީ މި ފައިސާތައް ހޯދާނެ ކަމަށާއި ކޯޓު މަރުހަލާއަކަށް ނުގޮސް ފައިސާ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ. އެމަސައްކަތް ކުރާނަން، އިރާދަކުރެއްވިއްޔާ އެފައިސާ ހޯދާނަން." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ފައިސާ ދައްކަންޖެހިފައިވާ މީހުންނާއި ކުންފުނިތަކަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ސިޓީ ފޮނުވަމުންދާ ކަމަށެވެ.
މީގެއިތުރުން ހިޔާނާތުގެ ތެރެއިން ވަކިން ހާއްސަކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ގެއްލުވާލާފައިވާ ފައިސާ ހޯދުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ރައީސް ރޭވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ހިޔާނާތާއި ފަސާދައިގެ ތެރެއިން ދައުލަތުން ގެއްލުވާލާފައިވާ ފައިސާ ހޯދުމަށް ހާއްސަކޮށްގެން އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.