ދިވެހި މީޑިއާ

ހުޅުމާލޭގެ އެސްޓީއޯ ހޮޓެލްގައި މީޑިއާ ވިލެޖު ގާއިމުކުރަނީ

ހުޅުމާލޭގައި އެސްޓީއޯ އިން ހަދާފައިވާ ހޮޓެލް އިމާރާތުގައި މީޑިއާތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ ވިލެޖު ހެދުމަށް ސަރުކާރުން ނިންމައިފި އެވެ.

މީޑިއާ ވިލެޖެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީޑިއާ ވިލެޖު ގާއިމުކުރާނީ އެސްޓީއޯ ހޮޓެލްގައި ކަމަށާއި އެ ތަނުން މީޑިއާތަކަށް ވަރަށް ކުޑަ އަގެއްގައި ޖާގަ ހަމަޖައްސައިދޭނެ ކަމަށެވެ. އެތަނުގައި މީޑިއާތަކަށް ބޭނުންވާ ސްޓޫޑިއޯތައް ހަދައި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އަންނަ އަހަރުން ފެށިގެން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާވެސް ލިބޭނެ ކަމަށެވެ.

"އެއީ މިހާރު ސިޔާސީ ޕާޓީތަކަށް ބަޖެޓުން ފައިސާ ލިބޭ ގޮތަށް [މީޑިއާއަށް] ލިބޭނެ ފައިސާއެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފޯމަކަށް ޖަވާބު ނުދީ ނޯންނާނެ ކަމަށެވެ. ރައީސް އޮފީހާއި ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް މައުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ޖަވާބު ދޭނެ ކަމަށާއި ޖަވާބު ދިނުމަށް ސަރުކާރުން ޖެހިލުންވެގެން ނޫޅޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ދެފުށްފެންނަ ސަރުކާރެއް ހިންގަން ކަމަށެވެ. ވަޒީރުން އަދި އެމަނިކުފާނުވެސް އާންމު ފޯރަމުތަކަށް ވަޑައިގެން ރައްޔިތުން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަނީ ކަންކަން ހާމަކުރަން ބޭނުންވާތީ ކަމަށާއި މީޑިއާއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވި އެެވެ.