ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި އެވެ.
މި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައެވެ.
މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލްކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވާފައިވާ ހިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން، ދިވެހި ދައުލަތަށް 45 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށްވެސް ޝަރަފްގެ ބެޖާއި އައްޑަނަ މިރޭ އެރުވުނެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުންނެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.