ރައީސް އޮފީސް

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ނިންމައިފި އެވެ.

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅި ބޭފުޅުންގެ ތެރެއިން އިނާމު ދޭނެ ބޭފުޅުން ކަނޑައެޅީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެކުލަވާލައްވާފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

މިއަަހަރު އިނާމު ލިބިވަޑައިގަންނަވާ 138 ބޭފުޅުންގެ ތެރޭގައި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ 70 ބޭފުޅުންވެސް ހިމެނެ އެވެ.

މި އެވޯޑް ލިބޭ ބޭފުޅުންނަށް އިނާމު ދޭނީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވާ ރަސްމީ ޖަލްސާ ގައެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލްކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭން ފެށި ޝަރަފުވެރި އިނާމެކެވެ.