ޑރ. މުހައްމަދު މުއިއްޒު

އަންހެނުންނަށް ހާއްސަ ލޯނުގެ 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް

އަންހެނުންނަށް އެކަނި ދޫކުރަން ނިންމާފައިވާ 100 މިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންހެން ބޭފުޅުންނަށް އެކަނި ދޫކުރަން ނިންމާފައިވާ ލޯން ސްކީމުގެ ތެރެއިން ވަކި އިންސައްތައެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރާނެ ކަމަށް ރައީސް ވިދާޅުވީ އޯގާތެރި މުޖުތަމައެއް ގާއިމުކުރުމަށް ބަލާއިރު އެންމެ މުހިއްމު އެއްކަމަކީ އިންކުލޫސިވް ސޮސައިޓީއަކަށް ނުވަތަ އެއްވެސް މީހަކު ބާކީނުކޮށް އެންމެންވެސް ޝާމިލުކޮށްގެން ކުރިއަށްދާ މުޖުތަމައެއް ބިނާކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ކުލުނުވެރިކަމާއި އޯގާތެރިކަން ނެތި މިނިވަންކަންވެސް އިހްސާސްކުރެވެން ނޯންނާނެ ކަމަށެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ކުރިއަށް އޮތް އޮގަސްޓް މަހު "ސައިން ލޭންގުއޭޖް" ކޯސްތަކެއް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެންމެން އެއް މުޖުތަމައެއްގެ ގޮތުގައި އުޅުމަށް މަގުފަހިވާނެ ކަމަށް ރައީސް އުއްމީދުކުރައްވަ އެވެ.

މަސްތުވާތަކެތީ މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މުޖުތަމައުގެ ސަލާމަތަށްޓަކައި ޑްރަގުގެ ވަބާއިން ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށެވެ. ޑުރަގުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް މީގެކުރިން ދުވަހަކު ރާއްޖޭގައި ނުކުރާ މިންވަރަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅުއްވައިގެން ހުންނެވި ކަމުގައިވެސް ވިދާޅުވި އެވެ.

"ޑްރަގުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސްތުވާތަކެއްޗާ ގުޅޭ ގާނޫނަށްވެސް މުހިއްމު ބަދަލުތަކެއް ގެނައުމަށް ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ބާކީ ނުކޮށް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދިނުމަށްފަހު މުޖުތަމައަށް އަލުން އަނބުރާ ގެނައުމަކީވެސް ސަރުކާރުން ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުގެ ޕްލޭނެއް އެބައޮތް ކަމަށެވެ. އެކަން ކާމިޔާބުކަމާއެކީ ހާސިލުކުރުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށްވެސް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި އޭރުން އެ މައްސަލައަށްވެސް އެދެވޭ ނަތީޖާއެއް ލިބޭނެ ކަމުގައި ވިދާޅުވި އެވެ.