ދައުލަތުން އެކި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަމަލުކުރާނެ އުސޫލުތަކެއް ވަޒީރުންގެ މަޖިލީހުގެ ލަފައާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއީ ގައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާގެ ތަފްސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ހައްލުތަކާ ގުޅޭގޮތުން ރައީސް ނިންމެވި ކަންކަމުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ހަލާސްކުރުން ހިމެނެ އެވެ. މިގޮތުން ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށާއި، ކަނޑައެޅޭ ވަކި މިންވަރަކަށް ވުރެ ދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުމަށްވެސް ނިންމާފައިވެ އެވެ.
މީގެއިތުރުން ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި، ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ވަކިން ހާއްސަކޮށް މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާ އިން އޮފްސެޓް ކުރުންވެސް ހިމެނެ އެވެ.
އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލައި، އެ ފައިސާ ހޯދުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރުމަށްވެސް ރައީސް ނިންމަވާފައިވެ އެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅި ލޯނު އޮޕްޝަންތަކުގެ އިތުރަށް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު ގޮތްތައް ބަލައި އެކަމަށް މަސައްކަތް ކުރުމަށްވެސް ރައީސް ނިންމަވާފައިވެ އެވެ.
ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް މިހާރުން މިހާރަށް އިތުރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ. އެގޮތުން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު، ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ، އެމެރިކާ ޑޮލަރުން ނަގަން ފެށުމަށްވެސް ނިންމާފައިވެ އެވެ. އަދި ބޭރު ފައިސާ އިން ދޭ އުޖޫރައިން ޕެންޝަން ކޮންޓްރިބިއުޝަން އެމެރިކާ ޑޮލަރުން ނަގަން ފެށުމާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކުރުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.