ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައަށް ހައްލު ލިބޭނީ ސަރުކާރުން މިހާރު ފަށާފައިވާ އިގްތިސާދީ ބަދަލުތައް ގެނެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާމުންގެ ސުވާލުތަކަށް ރައީސް ޑރ. މުއިއްޒު ކޮންމެ ދުވަހަކުވެސް ޖަވާބު ދެއްވަމުން ގެންދަވާ ސިލްސިލާގެ ތެރެއިން މިއަދު ސުވާލުކުރި މީހާ ސުވާލުކުރީ ރައީސް މުއިއްޒުގެ ވައުދެއް ކަމުގައިވާ މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމާއި، މާފުށީގެ ފަޅު ހިއްކުމުގެ މަޝްރޫއު ފަށާނެ ދުވަހެއް ހޯދުމާ ގުޅޭގޮތުންނެވެ. މީގެއިތުރުން ޑޮލަރު ލިބުން ދަތިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވެސް އެމީހާ އަހާފައިވެ އެވެ.
ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ މާފުށީގައި ޑޮލަރު ނެގޭ އޭޓީއެމްއެއް ބެހެއްޓުމަކީ މިއަހަރުގެ ތެރޭގައި ވީހާވެސް އަވަހަށް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. މާފުށީގައި ޑޮލަރު ނެގޭނެ އޭޓީއެމްއެއް ހުންނަންޖެހޭ ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބެންކް އޮފް މޯލްޑިވްސްއާ އެކަމުގައި ވާހަކަދައްވާނެ ކަމަށެވެ.
މާފުށި ބިން ހިއްކުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މާފުށި ބިން ހިއްކުން ފެށޭނެ ސީދާ ތާރީހެއް މިވަގުތު ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނުގެ ވައުދަކަށްވާތީ އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ މަޝްރޫއުތައް ވެރިކަމުގެ ފަހު އަހަރު ފެށުމަށް ފަސްކުރުމަކީ އެމަނިކުފާނު މަސައްކަތް ކުރައްވާ ގޮތް ނޫން ކަމަށެވެ. މާފުށި ބިން ހިއްކުމުގެ މަޝްރޫއަށް އިސްކަން ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޑޮލަރު ލިބުން ދަތިވާ މައްސަލައިގައި ރައީސް ވިދާޅުވީ އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނެސް އިގްތިސާދު ފުޅާކުރުމާ އެކު ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާމު ބިޔަ ބޮޑެތި މަޝްރޫއުތައް ހިނގަން ފެށީމަ އަދި އިންވެސްޓްމަންޓްތައް ގިނަވާން ފެށީމާ އިރާދަކުރެއްވިއްޔާމު ޑޮލަރު ތިޔާގިވާނެ. އިރާދަކުރެއްވިއްޔާމު ޑޮލަރު ލިބޭލެއް އަވަސްވާނެ ފަސޭހަވާނެ،" ރައީސް ވިދާޅުވި އެވެ.