ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ކަރަންޓީނުގެ އުސޫލު ބަދަލު ކުރަން މަޝްވަރާ ކުރަނީ

Apr 25, 2020
3

މިހާރު މާލެއިން ފެންނަމުންދާ ކޮވިޑް-19 އިގެ ކޭސްތަކާ ގުޅިގެން، ކަރަންޓީނު ކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް މަޝްވަރާ ކުރަމުންދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ފެތުރޭ ސްޕީޑަށް ބަލައި، އަންދާޒާތަކަށް ބަދަލު ގެންނަމުންދާ ކަމަށެވެ. އަދި ޕޮޒިޓިވްވި ކޭސްތައް މިހާތަނަށް ފެނިފައިވަނީ ހަމައެކަނި މާލެއިން ކަމުގައިވީ ނަމަވެސް، ކަމާބެހޭ އިދާރާތަކުން ތައްޔާރުވަމުން އަންނަނީ އަތޮޅު ތެރޭގައިވެސް މިހާރު އެ ބަލި އުޅޭދާނެކަމަށް ބަލައިގެން ކަމަށް އަމީން ވިދާޅުވި އެވެ.

އެގޮތުން، ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ތެރެއިން އެޑްމިޓުކޮށްގެން ހާއްސަ ފަރުވާދޭން ނުޖެހޭ މީހުން ގޭގައި ކަރަންޓީނުކުރުމާ ގުޅޭގޮތުން ސިއްހީ ފަންނުވެރިންނާއި ޕަބްލިކް ހެލްތުގެ މާހިރުން މިހާރު މަޝްވަރާކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"ގޭގައި ކަރަންޓީން ކުރަން ޖެހިދާނެތީ، އެކަމަށް ތައްޔާރަށް ތިބުން އެދެން. އަދި އަތޮޅު ތެރެއިން ޕޮޒިޓިވްވާ އެންމެން ވަކި ރަށެއްގައި ބައިތިއްބަން ވެސް ޖެހިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގޭގައި ކަރަންޓީނުކުރަން މަޝްވަރާކުރަނީ މިހާރު ހުރި ކަރަންޓީނު ފެސިލިޓީތަކަށް ނުކަތާ މިންވަރަށް ކޭސްތައް އިތުރުވާނެކަމަށް ބެލެވިގެންތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އަމީން ވިދާޅުވީ އެފަދަ ނިންމުމަކާ ފެސިލިޓީތައް ހުރި އަދަދާ ގުޅުމެއްނެތް ކަމަށެވެ.

"ކަރަންޓީން މި ކުރަނީ ފެތުރޭލެއް ލަސްކޮށްލުމަށް ޓަކައި. އެއީ މެޑިކަލް ފެސިލިޓީއާ ގުޅިފައި ހުރި މައްސަލައެއް ނޫން. ގޭގައި ކަރަންޓީން ކުރުމާ ހަމައަށް ދާއިރު، އެ ފިޔަވަޅުތައް އަޅާނީ ނަންބަރުތަކަށް ބަލައިގެން. އޭގައި އުނދަގޫތައް ހުންނާނެ. އެކަމަކު ފިޔަވަޅެއް މި އަޅަނީ އޭގެ ބޮޑު ފައިދާ މުޖުތަމައަށް އަންނާނެތީ،" އަމީން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޑރ. އަލީ ލަތީފް ވިދާޅުވީ، މުޅި މާލެ ތެރެއަށް އެ ބަލި ފެތުރިގެން ގޮސްފިނަމަ، ފެސިލިޓީސްތައް މަދުވެ މީހުން ގޭގައި ކަރަންޓީނު ކުރަންޖެހިދާނެ ކަމަށެވެ. ނަމަވެސް، އެފަދަ ހާލަތެއްގައިވެސް އެގޮތަށް ނިންމާނީ ގޭގައި އެކަހެރިކޮށްފައި ބެހެއްޓޭނެފަދަ އިންތިޒާމެއް ހުރިތޯ ބެލުމަށްފަހުކަމަށް އޭނާ ވިދާޅުވި އެވެ.

މާލެއިން މިއަދު ވެސް އިތުރު އަށް ދިވެހިން ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު މިހާތަނަށް ރާއްޖޭން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 137 އަށް އަރައިފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މާލެއިން ފެނުމާއެކު މުޅި މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައިވާއިރު، އެ މުއްދަތު އިތުރު ކުރާނެ ކަމުގެ އިޝާރާތެއް މިއަދު އަމީން ވަނީ ދެއްވައިފަ އެވެ.

"މިވަގުތުގެ ހާލަތަށް ބަލާއިރު، ކުރިއަށްއޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި އާއްމު ހާލަތަކަށް ނޫނީ ލޮކްޑައުން އުވާލަންޖެހޭ ހާލަތަކަށް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އަމީން ވިދާޅުވި އެވެ.