ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަލި ފެތުރިފައިވާ މިންވަރު ބަލަން ކޮމިޔުނިޓީ ސާވޭލަންސް ފަށަނީ

Apr 25, 2020
1

ކޮވިޑް-19 ރާއްޖޭގައި ފެތުރިފައިވާ މިންވަރު ބަލަން ކޮމިޔުނިޓީ ސާވޭލަންސް ފަށަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ކޮމިޔުނިޓީ ސާވޭލަންސްގެ ދަށުން މުޖުތަމައުގެ އެކި ގުރޫޕުތަކުގެ މެދުގައި ކޮވިޑް-19އަށް ޓެސްޓު ކުރެވިގެންދާނެ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މާލޭގައި ވެސް ހާއްސަކޮށް ބިދޭސީން ބައިތިއްބާ ތަންތަނަށް ގޮސް ޓެސްޓު ކުރުމުގެ ތެރެއިން މިހާރުވެސް ގިނަ ޕޮޒިޓިވްވި ކޭސްތަކެއް ފެނިފައިވާ ކަމަށެވެ.

"ކުރިން ބަލި ހުންނާނެ ކަމަށް ބެލެވިފައި ނުވާ ތަންތަނުން ވެސް ބަލި ވަނީ ފެނިފައި. މި ބައްޔާ ގުޅިގެން އަޅުގަނޑުމެން ރެންޑަމްކޮށް ގޮސް ބައެއް ތަންތަން ޗެކްކުރިން. އެހެންވީމަ އެފަދަ ތަންތަން ދެނެގަތުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެއިން މިއަދު ވެސް އިތުރު އަށް ދިވެހިން ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު މިހާތަނަށް ރާއްޖޭން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 137 އަށް އަރައިފަ އެވެ.

އަމީން މިއަދު ވިދާޅުވި ގޮތުގައި، މިބަލިން ރާއްޖެއަށް އަރައިގަނެވޭނީ މުޅި އާބާދީ އެކީގައި މަސައްކަތްކޮށްގެން ކަމަށާއި، ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާތައް އަދާކުރަން ވަގުތުން ވަގުތަށް ނިންމަންޖެހޭ ކަމަށެވެ.

މިހާރު މާލެއިން ފެންނަމުންދާ ކޮވިޑް-19 އިގެ ކޭސްތަކާ ގުޅިގެން، ކަރަންޓީނު ކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް މަޝްވަރާ ކުރަމުންދާކަމަށްވެސް އަމީން މިއަދު ވިދާޅުވި އެވެ.

އެގޮތުން، ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ތެރެއިން އެޑްމިޓުކޮށްގެން ހާއްސަ ފަރުވާދޭން ނުޖެހޭ މީހުން ގޭގައި ކަރަންޓީނުކުރުމާ ގުޅޭގޮތުން ސިއްހީ ފަންނުވެރިންނާއި ޕަބްލިކް ހެލްތުގެ މާހިރުން މިހާރު މަޝްވަރާކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"ގޭގައި ކަރަންޓީން ކުރަން ޖެހިދާނެތީ، އެކަމަށް ތައްޔާރަށް ތިބުން އެދެން. އަދި އަތޮޅު ތެރެއިން ޕޮޒިޓިވްވާ އެންމެން ވަކި ރަށެއްގައި ބައިތިއްބަން ވެސް ޖެހިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަހުގެ 15 ވަނަ ދުވަހު މާލެއިން އެންމެ ފުރަތަމަ ކޭސް ފެނުމާއެކު މުޅި މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. ނަމަވެސް، އެ މުއްދަތު އިތުރުކުރަންޖެހޭނެކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު މިއަދު ވަނީ ދެއްވައިފަ އެވެ.