ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުންއަށް ލުއިތަކެއް ދެނީ

މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ލުޔެއް ދިނުމަށް ނިންމާފައިވާ ކަމަށާ ނަމަވެސް އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މާލޭގެ ލޮކްޑައުން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ މާލެއިން ފުރަތަމަ ކޮވިޑް-19 ކޭސް ފެނުމާއެކު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ލޮކްޑައުންގެ މުއްދަތު ވަނީ އިތުުރުކޮށްފައެވެ. އެންމެ ފަހުން އިތުރުކުރި މުއްދަތު މިމަހުގެ 28 ގެ ނިޔަލަށް ހަމަވާނެ އެވެ.

މިރޭ ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުން ލޮކްޑައުންއަށް ލުޔެއްދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާ އެގޮތުން ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން ހިމެނޭ ކަމަށެވެ. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ. މިލުއިތައް ދޭނެ ގޮތުގެ ތަފްސީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެ ލޮކްޑައުންގެ ހާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ގާބިލްކަން މިހާރަށްވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައްވެސް ހަމަކުރެވޭނެ ކަމަށެވެ.

މާލޭގެ އިތުުރުން ރަށްރަށުގައިވެސް ވަނީ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ރައީސް ވިދާޅުވީ ބަލި ނެތް އެހެން ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު އޮތީ ނިންމާފައި ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދިޔުން."

ރައީސް ވިދާޅުވީ ލޮކްޑައުންއަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި ބަލީގެ ހާލަތު އިތުރަށް ގޯސްވާނަމަ، ލޮކްޑައުންގެ ހާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ދެވޭ ލުއިތަކަކީ، ކުރިން އުޅެމުންދިޔަ ޢާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ ކަމަށެވެ.

"އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން. އަދި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައިވެސް އަދި ގަބޫލުކުރައްވައިގެން ނުވާނެ."

ކޮވިޑް މާލޭގައި ފެތުރެން ފެށިފަހުން، މިއަދުގެ މިހާތަނަށް 1186 މީހަކަށް ވަނީ ބަލިޖެހިފައެވެ. އެއީ 420 ދިވެހިންނާއި 766 ބިދޭސީން ކަމަށެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 91 މީހަކު ވަނީ ރަނގަޅުވެފައެވެ.