ރާއްޖޭގައި އަނެއްކާވެސް ވަރަށް ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވާއިރު، އަމަލު ކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު އާއްމުކުރި އާ އުސޫލުގެ ދަށުން ކޮވިޑް-19 ޖެހިފައިވާ މީހުން ތިބި ރަށްރަށުގައި ސަރުކާރުގެ އިދާރާތަކުން މުވައްޒަފުން އޮފީހަށް ނުނެރެ، ވީހާވެސް ބޮަޑަށް ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިތުރުން ކޮންމެހެން ނުކުންނަންޖެހޭ ހާލަތްތަކުގައި ވެސް ވީހާވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތްތައް ރޭވުމަށެވެ.
އަދި ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ދޭ ހިދުމަތްތައްވެސް ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައި، އެކި ދުވަސްތަކުގައި އެކި ޚިދުމަތް ދޭ ގޮތަށް ހަމަޖެއްސުމަށް ވަނީ އަންގައިފަ އެވެ.
އޭގެ އިތުރުން ރައީސް އޮފީހުން މިއަދު ހަމަޖެއްވި މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި، ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމެވެ.
ރައީސް އޮފީހުން ބުނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިއުމަށްވެސް ސަރުކާރުގެ އިދާރާތަކަށްވަނީ އަންގައިފަ އެވެ.
އަދި، އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުމާއި، ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމަށް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން، ޞިއްޙީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާޙައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރުމަށްވެސް ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.
އަދި ކޮވިޑް 19 އާ ގުޅިގެން، ރާއްޖޭގެ އިގުތިސޯދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގައިފަ އެވެ.
މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވުމާއެކު، ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.
އެގޮތުން، ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާއިރު، އެކަމަށްޓަކައި، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ އެވެ.
އޭގެ އިތުރުން، މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުނަށް ވުރެ ގިނައިން އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައި އެވެ. އަދި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.