މާލޭގައި އަނެއްކާވެސް ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އަލުން ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާއިރު އޮފީސްތައް ހުޅުވި ނަމަވެސް އެއްފަހަރާ އޮފީހަށް ނެރެވޭނީ 50 ޕަސެންޓަށް ވުރެ މަދު މުވައްޒަފުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފި އެވެ.
އެޗްއީއޯސީ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިޝަތު ސާމިޔާ ވިދާޅުވީ، ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ އޮފީސްތަކަށް ނުގޮސް ގޭގައި މަސައްކަތް ކުރެވޭނަމަ އެކަން އެގޮތަށް ކުރުމަށް އެދޭ ކަަމަށެވެ.
އޭގެ އިތުރުން މީޓިންތައްވެސް ވީހާވެސް ބޮޑަކަށް އޮންލައިންކޮށް ބޭއްވުމަށާއި އޮފީސް ގަޑީގައި ބްރޭކް ނަގައިގެން އެކަކު އަނެކަކާ ބައްދަލުވާ މިންވަރު މަދުކުރުމަށް ސާމިޔާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"އޮފީސް މާހައުލަށް ކޮންމެހެން ނުކުންނަ ޖެހޭ ހާލަތުގައި ވެސް ބްރޭކްތައް ނުނެގުމަށް އެދެން. އަދި ވީހާ ވެސް މީހުންނާ ކޮންޓެކްޓްވުން މަދުކުރުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މަސައްކަތުގެ މާހައުލުންކަން ފާހަގަ ކުރައްވަމުން ސާމިޔާ ވިދާޅުވީ އޮފީސް މާހައުލުން ޕޮޒިޓިވް ވާ ކޭސްތަކުގެ ކޮންޓެކުޓުން ވަރަށް ބޮޑަށް ފާހަގަ ކުރެވޭތީ މިއަދު މި އަޅާ ފިޔަވަޅުތަކުގެ ތެރޭން ބޮޑަށް އޮފީސް މާހައުލުން އެކަން ދަށްކުރެވޭތޯ އެޗްއޯސީން ސަމާލު ކަމެއް ދޭނެ ކަމަށެވެ.
މިއަދު އިއުލާނުކުރި ފިޔަވަޅުތައް
- މާލެ ސަރަހައްދަށް ރޭގަނޑު 10:00 އިން ފަތިހު 5:00 ކާފިއު
- މާލޭ ސަރަހައްދުގައި ހިންގާ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ރޭގަނޑު 9:30 ބަންދުކުރުން
- މާލޭ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ
- ރަށްރަށުން މާލެއަށް އައުން މަނާ
- މާލޭން ރަށްރަށަށް ދަތުރުކުރުން މަނާ
- އެ ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މާސްކު އެޅުން މަޖުބޫރު
އެޗްއީއޯސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށިކުރި ފިޔަވަޅުތައް އިއުލާނުކޮށްފަ އެވެ.
އެގޮތުން، މިރޭ 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާއިރު އެކަމަށްޓަކައި، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ އެވެ.
އޭގެ އިތުރުން، މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުނަށް ވުރެ ގިނައިން އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައި އެވެ. އަދި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.