މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވުމާއެކު، ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ބަލީގެ ޕީކު ލަސްކުރެވުނު ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ދަށް ނުކުރެވޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށިކުރި ފިޔަވަޅުތައް އިއުލާނުކޮށްފަ އެވެ.
އެގޮތުން، މިރޭ 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާއިރު، އެކަމަށްޓަކައި، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ އެވެ.
އޭގެ އިތުރުން، މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުނަށް ވުރެ ގިނައިން އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައި އެވެ. އަދި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން އޮފީސްތައް ހުޅުވި ނަމަވެސް އެއްފަހަރާ އޮފީހަށް ނެރެވޭނީ 50 ޕަސެންޓަށް ވުރެ މަދު މުވައްޒަފުން ކަމަށާއި ގޭގައި ތިބެގެން މަސައްކަތް ކުރުމާއި، އޮންލައިންކޮށް މީޓިންތައް ބާއްވަން ވެސް އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަދު އިއުލާނުކުރި ފިޔަވަޅުތައް
- މާލެ ސަރަހައްދަށް ރޭގަނޑު 10:00 އިން ފަތިހު 5:00 ކާފިއު
- މާލޭ ސަރަހައްދުގައި ހިންގާ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ރޭގަނޑު 9:30 ބަންދުކުރުން
- މާލޭ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ
- ރަށްރަށުން މާލެއަށް އައުން މަނާ
- މާލޭން ރަށްރަށަށް ދަތުރުކުރުން މަނާ
- އެ ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މާސްކު އެޅުން މަޖުބޫރު
- އޮފީހަށް ނެރެގެން މަސައްކަތް ކުރާ މުވައްޒަފުން އަދަދު 50 ޕަސަންޓަށް ދަށް ކުރުން
އެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 އިގެ ކޭސްތައް އިތުރުވަމުންދާއިރު ފަރުދީ ޒިންމާ ކޮންމެ މީހަކު ނަގަން ޖެހޭ ކަމަށެވެ.
ޖުލައި މަހު ޕީއެލްއޯއެސް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކާ ހަވާލާދެއްވާ ޑރ. ނަޒްލާ ވިދާޅުވީ ސަރުކާރުން ތަންފީޒު ކުރާ އިޖްތިމާއި ގާއިދުކުރުމާއި ލޮކްޑައުންއާއި ކާފިއު އަދި އޮފީސްތަކާއި ސްކޫލުތައް ބަން ކުރުމުން ބަލީގެ ޕީކް އަންނަ ދުވަސްވަރު ބަދަލުވެ ޕީކް ލަސްވެގެންދާ ކަމަށެވެ.
ނަމަވެސް މިކަމުން ބޭނުންވާ ނަތީޖާ ނުފެންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި
"ހަމައެކަނި މިކަހަލަ މެޝާތަކުން އަޅުގަނޑުމެން ބޭނުންވާ ނަތީޖާއެއް ނުލިބޭ. ޕީކް ލަސްވިއަސް ޕީކް ދަށެއްނުވޭ. ބަލި ޖެހޭ މީހުންގެ އަދަދު މަދެއް ނުވޭ. އޭގެ މާނައަކީ އަކީ ކިތަންމެ ދުވަހަކު މިސާލަކަށް ލޮކްޑައުންގައި އޮތަސް ލޮކްޑައުން ނިމޭއިރުގަ އެ ނޫން އިތުރު ކަންތައްތައް އިތުރު މެޝާތައް ނާންނަމަ ހަމަ އަނެއްކާ ވެސް ޕީކަކަށްދާނެ. އަޅުގަނޑުމެންނަށް މިހާރު އެކަން އަނެއްކާ ވެސް ރާއްޖޭގެ މިދަނީ ތަޖުރިބާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ބަލި ފެތުރުމާ ދެކޮޅަށް އެދެވޭ ނަތީޖާއެއް ނެރެވޭނީ، ވަކި ވަކި ފަރުދުންގެ މެދުގައި ރަނގަޅަށް މާސްކު އެޅުމާއި އަތް ދޮވުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކޮށްގެން ކަމަށެވެ.
އެގޮތުން، ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ އެންމެން ވެސް ސަރުކާރަށް އެއްބާރުލުން ދީގެން ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ޑރ. ނަޒްލާ މިއަދުވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.