ކޮވިޑް-19 ނުފެތުރޭ ރަށްރަށުގައި ވެސް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު، މާސްކު އެޅުން ލާޒިމުކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އަތޮޅު ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މާސްކު އެޅުން މިހާރު މަޖުބޫރުކޮށްފައިވާ ކަމަށެވެ.
އަދި ރަށު ތެރޭގައި އުޅޭއިރުވެސް މާސްކު އެޅުމަށް ޑރ. ނަޒްލާ މިއަދު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"މިހާރު ހުރި ހާލަތުގައި އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ ކެޕޭސިޓީއާ އެއްވަރަށް ޕޮޒިޓިވް އަދަދުތައް މަދުކުރަން. ހާއްސަކޮށް ހައި ރިސްކް މީހުން މި ބަލިން ރައްކާތެރިކުރަން މަސައްކަތް ކުރަން ޖެހޭ. އަދި ސްޕީޑް ވެސް ދަށްކުރަން މި ދުވަސްވަރު މަސައްކަތް ކުރަން ޖެހޭ. ހަމަ އެއާ އެކު މި ބަލިން ރަށްރަށް ވެސް ސަލާމަތް ކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި، ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ ވިދާޅުވީ މިހާރު މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށެވެ.
މި ފިޔަވަޅު އަޅާފައިވަނީ، ރަށްރަށަށް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުންކަމަށް ސާމިޔާ ވިދާޅުވި އެވެ.
މި ބަދަލާ އެކު، ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ވެސް ދެން ނޯންނާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރަށްރަށުންވެސް ދެން މާލެ އަށް އާދެވޭނީ ސިއްހީ ބޭނުންތަކަށް އެކަނި ކަމަށެވެ.
އަދި ރަށްރަށުން އަންނަ ދޯނިފަހަރުގެ ފަޅުވެރިންނަށްވެސް މާލެ އަށް ނުފޭބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"ރަށްރަށަށް ކުރާ ސަޕްލައި ދަތުރުތައް އަޅުގަނޑުމެންނަށް އެއްކޮށް ހުއްޓައެއް ނުލެވޭނެ. އެކަމަކު އެކަހަލަ ދަތުރުތަކުގައި ވެސް އަދި އެއް ރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ވެސް މާސްކް އެޅުން އެއީ މަޖުބޫރު ކަމެއް. މީގެ ބޭނުމަކީ ބަލި ފެތުރެން ފެށިޔަސް އޭގެ ސްޕީޑް ދަށް ކުރުން. މިއަދު މި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.