ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭން ރަށްރަށަށް ދަތުރުކުރުން މަނާކޮށްފި

Aug 4, 2020
2

ކޮވިޑް-19 ޖެހޭ މީހުންގެ ނިސްބަތް އިންތިހާއަށް އިތުރުވެފައިވާތީ، ވެރިރަށް މާލެއިން ރަށްރަށަށް ދަތުރުކުރުން އަނެއްކާވެސް މަނާކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ ވިދާޅުވީ މިހާރު މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ، ރަށްރަށަށް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުންކަމަށް ސާމިޔާ ވިދާޅުވި އެވެ.

މި ބަދަލާ އެކު، ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ވެސް ދެން ނޯންނާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރަށްރަށުންވެސް ދެން މާލެ އަށް އާދެވޭނީ ސިއްހީ ބޭނުންތަކަށް އެކަނި ކަމަށެވެ.

އަދި ރަށްރަށުން އަންނަ ދޯނިފަހަރުގެ ފަޅުވެރިންނަށްވެސް މާލެ އަށް ނުފޭބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މިހާރު ހުރި ހާލަތުގައި އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ ކެޕޭސިޓީއާ އެއްވަރަށް ޕޮޒިޓިވް އަދަދުތައް މަދުކުރަން. ހާއްސަކޮށް ހައި ރިސްކް މީހުން މި ބަލިން ރައްކާތެރިކުރަން މަސައްކަތް ކުރަން ޖެހޭ. އަދި ސްޕީޑް ވެސް ދަށްކުރަން މި ދުވަސްވަރު މަސައްކަތް ކުރަން ޖެހޭ. ހަމަ އެއާ އެކު މި ބަލިން ރަށްރަށް ވެސް ސަލާމަތް ކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ، އަތޮޅު ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މާސްކު އެޅުން މިހާރު މަޖުބޫރުކޮށްފައިވާ ކަމަށާއި، އަދި ރަށު ތެރޭގައި އުޅޭއިރުވެސް މާސްކު އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.