ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު އިތުރުކޮށްފި

Jun 11, 2020

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު އަންނަ ހަފުތާ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މުއްދަތުގެ ތެރޭގައި އާދީއްތަ ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސް ހުޅުވާގޮތަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު ހުޅުވާގޮތަށް ހަމަޖެއްސެވި ނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށް ވެސް ސަރުކާރުގެ އޮފީސްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި ހާލަތުގައި ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ސަރުކާރުގެ އޮފީސްތައް ހުޅުވަން ޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ސަރުކާރުގެ އޮފީހެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އެ އޮފީހަކުން ހުށަހަޅުއްވުމުން، އެ އެޖެންސީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭ އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށް ވެސް ރައީސް ސޯލިހު ވަނީ ސަރުކާރު އޮފީސްތަކަށް އަންގަވައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުން ހާލަތަށް ގެނެސްފައިވީ ނަމަވެސް އެޗްޕީއޭގެ ލަފަޔާއި އިރުޝާދުގެ ދަށުން ލޮކްޑައުންއަށް ލުއިތައް ދެމުން ގެންދާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.