ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޮކްޑައުންނަށް ދިން ލުއިތަކުގެ ނަތީޖާއާ ގުޅޭގޮތުން މަޝްވަރާކޮށްފި

Jul 9, 2020

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިއުލާނު ކުރެވުނު ލޮކްޑައުނަށް ދިން ލުއިތަކާ ގުޅިގެން ނުކުތް ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އަމަލު ކުރަން ނިންމާނެ ގޮތްތަކާ ގުޅޭގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހަވީރު ބޭއްވުނު ބައްދަލުކުވުމަކީ އެންއީއޯސީ އުވާލުމަށްފަހު ކޮވިޑް-19 ގެ ހާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ސިލްސިލާ ގޮތަކަށް ބާއްވަވަމުން ގެންދަވާ ބައްދަލުވުމެއް ކަމަށެވެ.

އެގޮތުން، އާންމު ދިރިއުޅުން ބަހައްޓަންވީ ގޮތްތަކާއި، މީހުން ހޭލުންތެރިވެ ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރެވުނުކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި، ސިއްހީ ދާއިރާއިން މިކަމަށް ވަމުންދާ ތައްޔާރީތަކާއި، ދިމާވާ ގޮންޖެހުންތަކުގެ އިތުރުން މި ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގެ ބައިވެރީންނާ ރައީސް ސޯލިހު ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އޭޕްރީލް 15 ވަނަ ދުވަހު، މާލެއިން އެ ބައްޔަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު، އެ ހާލަތު ލުއިކޮށްފައިވަނީ މިދިއަ މަހުގެ 15 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ސްކޫލްތަކުގެ ބައެއް ގްރޭޑުތަކުގެ ކިޔެވުމާއި، ސަރުކާރު އަދި އަމިއްލަ އޮފީސްތަކުގެ އިތުރުން ކެފޭތަކާއި މިސްކިތްތައް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

މިއަދާ ހަމައަށް، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2،517 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ މަރުވެފަ އެވެ.