ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޮކްޑައުންތެރޭ ތަޅުމުގައި ޖަލްސާކުރުން ގާނޫނީ ސުވާލެއްގެ ތެރެއަށް

May 25, 2020
10

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާއިން ފެށިގެން ޖަލްސާތައް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާ ގުޅިގެން އެ ކަމާމެދު ގާނޫނީ ގޮތުން ސުވާލު އުފެދިއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާއެކު މަޖިލީހުގެ ޖަލްސާތައް އޭރު މެދުކަނޑާލި އެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރި ކޮށެވެ.

ނަމަވެސް މާދަމާއިން ފެށިގެން އަލުން މަޖިލީހުގެ ތަޅުމަށް މެންބަރުން އެއްވެ ޖަލްސާ ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އެ ކަމަށް އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހިމެނޭ ހާއްސަ އުސޫލެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިމެން ދެން މަޑުކުރެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވާނެ ކަމަށާއި މާދަމާ ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށެވެ.

ނަމަވެސް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހާއްސަ ހުއްދައެއް ނެތި ޖަލްސާތައް ނުބޭއްވޭނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު މެންބަރު އަލީ ހުސެއިން ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި މާލެ އޮތްއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހާއްސަ ހުއްދައެއް ނެތި މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ވިލިމާލެ ދާއިރާގެ މެންބަރު ވެސް ރައީސް ނަޝީދުގެ ނިންމެވުމާމެދު ސުވާލު އުފައްދަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ގާނޫނީ އަމުރުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ބޭއްވުމާ ގުޅޭގޮތުން މިރޭ އެންއީއޯސީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ، މަޖިލީހުން އެންއޯސީއާއެކު މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ.

މަބުރޫކު އިތުރަށް ވިދާޅުވި ގޮތުގައި، ސިއްހީ ކުއްލި ހާލަތުގައި އިސްތިސްނާވާ ފަރާތްތަކެއް ހިމަނާފައިވާނެ ކަމަށާއި، ނަމަވެސް، ގާނޫނީ ގޮތުން މަޖިލީހުގެ ޖަލްސާތައް ބޭއްވުމާމެދު އެއްޗެއް ވިދާޅުވާން ދަތި ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް އަލުން މާލަމުގައި ބާއްވަން ފަށާއިރު ޖަލްސާތައް ބާއްވާނީ ގައިދުރުމިން ހިމެނޭ ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެ ގޮތުން މާލަމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެ އެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.

ނަމަވެސް، ލޮކްޑައުން ލުއި ކުރާ ހާލަތެއްގައި އަމަލު ކުރަންޖެހޭ އުސޫލެއް އެޗްޕީއޭއިން އަދި އާއްމު ކޮށްފައެއް ނުވެ އެވެ.

މިހާރު މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަންނަ ބުރާސްފަތި ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދޭނެ ލުއިތަކުގެ މާ ބޮޑު ތަފުސީލުތަކެއް އަދި އާންމެއް ނުކުރެ އެވެ.