ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މާލެއިން ރޯގާގެ 3720 ކޭސް މިމަހު ރިޕޯޓްކުރި

މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން މި މަހުގެ ތެރޭގައި 3720 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ބަޔާނުގައި ބުނެފައިވަނީ މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިމަހު އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. މިއީ މިދިޔަ އޯގަސްޓް މަހާ އަޅާ ބަލާއިރު ހަ އިންސައްތަ އިތުރު ވުމެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އަރިދަފުސް ރޯގާގެ އިތުރުން، ފާއިތުވެ ދިޔަ މަސްތަކުގައި ރިޕޯޓްކޮށްފައިވާ އަދަދުތަކާ އަޅާ ބަލާއިރު، އިންފްލުއެންޒާ އަށް ޕޮޒިޓިވެފައިވާ މީހުންގެ އަދަދުވެސް ގިނަވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެގޮތުން 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް އިންފްލުއެންޒާ A އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.

މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މިދުވަސްވަރު ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

ކޮވިޑެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ އަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތަކެކެވެ. އެހެންކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.