ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ނައިޓް މާކެޓް ހުއްޓާލަން އަނެއްކާ ވެސް އަންގައިފި

އެޗްޕީއޭއިން އެންގުމުން މާލޭގެ ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދާ ނައިޓް މާކެޓް ހުއްޓާލާފައި ވަނިކޮށް އެޗްޕީއޭގެ މިންގަނޑާ އެެއްގޮތަށް ނައިޓް މާކެޓް ހިންގަން ދިން ހުއްދަ އެ އޭޖެންސީން އަލުން ބާތިލް ކޮށްފި އެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވަމުންދާތީ، މާލެ ސަރަހައްދުގައި މަގުމަތީ ބާޒާރުތަކާއި، ގިނަ މީހުން އެއްވާ އިވެންޓްތަކާއި ހަފްލާތައް ނުބޭއްވުމަށް، މިމަހުގެ ފަސް ވަނަ ދުވަހު މާލެ ސިޓީ ކައުންސިލަށް އެ އޭޖެންސީއިން އެންގި ކަމަށެވެ.

ނަމަވެސް ނައިޓް މާކެޓް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަމަށް ތައްޔާރުވުމަށް އަނބުރާ ނުލިބޭނެ ވަރަށް ގިނަ ހަރަދުތަކެއް ކޮށްފައިވާތީ، ފިހާރަތައް ހިންގަން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަ ގޮތަށް އަދި މީހުން ތޮއްނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް އިއްޔެ ހުއްދަ ދިން ކަމަށެވެ.

އޮފިޝަލު ވިދާޅުވީ މިއަދު ނައިޓް މާކެޓުގައި އެޗްޕީއޭއިން ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި އެކަން ކުރިއަށްދަނީ މަގުމަތީ ބާޒާރެއް ގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަންދީގެން ކަމަށް ނުވާތީ، އެބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް މިހާރު އަންގާފައިވާ ކަމަށެވެ.

ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. ނައިޓް މާކެޓަށް 200 އަށް ވުރެ ގިނަ މޭޒު ވަނީ ވިއްކައިފަ އެވެ. އެ ނައިޓް މާކެޓް އިންތިޒާމްކޮށް ހިންގަމުން ދިޔައީ ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އިންނެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ކުރިއަށް އޮތް ތިން ހަފްތާ ގޯސްވާނެ ކަމަށް ސިއްހީ މާހިރުންނާއި ހަވާލާދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ރައްކާތެރި ފިޔަވަޅުތައް އަޅުއްވައި، ސަމާލުވެ ތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް ތިރިވުމަށްފަހު ވޭތުވެދިޔަ ތިން ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 200 އިން މައްޗަށް އަރައިފަ އެވެ. މިރޭގެ ނަންބަރު ހުރީ 300 އިން މަތީގައެވެ.