މޯލްޑިވިއަން

މޯލްޑިވިއަންގެ ބޯޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން އަނބުރާ ޖައްސައިފި

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރިތާ ކުޑައިރުކޮޅެއް ތެރޭގައި އަނބުރާ ވީއައިއޭ އަށް ޖައްސައިފި އެވެ.

މޯލްޑިވިއަން އިންވެސް މިކަން ޔަގީންކޮށްދީފައިވެ އެވެ. ނަމަވެސް ބޯޓަށް ދިމާވީ ސީދާ ކޮން ކަމެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ވީއައިއޭއަށް އަނބުރާ ޖެއްސި މަތިންދާ ބޯޓަކީ ވީއައިއޭ އިން ފުރައިގެން އިންޑިއާއަށް ދިއުމަށް ނައްޓާލި ބޯޓެކެވެ. މައްސަލަ ދިމާވީ މޯލްޑިވިއަންގެ އެއާބަސް A320 އަށެެވެ.

މިހާދިސާގައި އެއްވެސް ޕެސެންޖަރަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. އަދި ޕެސެންޖަރުން މިވަގުތަށް ގެއަށް ދިއުމަށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.

މޯލްޑިވިއަންގެ ބޯޓުތަކަށް މިފަހުން ޓެކްނިކަލް މައްސަލަތައް ދިމާވުމުގެ ހާދިސާތައް އިތުރުވަމުންދާ ކަން ފާހަގަކުރެވެ އެވެ. ނަމަވެސް މިފަދަ މައްސަލަތަކުގެ ތަފްސީލް އެ ކުންފުނިން މަދު ފަހަރަކު ނޫނީ ހާމައެއް ނުކުރެ އެވެ.