ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އަޒަރުބައިޖާންގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

ހުޅަނގު އޭޝިއާގެ ގައުމެއް ކަމަށްވާ އަޒަރުބައިޖާން ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުތައް ފެށުމަށް ނިންމާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށްފަ އެވެ.

މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު މިއަހަރުގެ ނޮވެމްބަރު އަށްވަނަ ދުވަހު ފަށާ މިދަތުރުތަކާ އެކު އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ހަފްތާ އަކު ދެ ދަތުރު ކުރާނެ އެވެ.

އަޒަރުބައިޖާނަކީ މާގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ގައުމެއް ނޫނެވެ. ނަމަވެސް އަލަށް ފަށާ މި ދަތުރުތަކާ އެކު އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 22 ގައުމަކުން 42 އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރެ އެވެ.

ރާއްޖެއަށް މި އަހަރުގެ ޖުލައިގެ މަހުގެ ނިޔަލަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.