ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ފައިނަލް ޕޮލިސީ އާންމުކުރާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލާ މަޝްވަރާއަަށްފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ނިއު ނޯމަލްގައި ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ޓޫރިޒަމް ސިނާއަތުގެ ހިޔާލު ހޯދަން "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ނަމުގައި ގައިޑްލައިނެއް ތައްޔާރުކޮށް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ވަނީ ހިއްސާކޮށްފައެވެ.
މި ދެލިކޮޕީއަށް އިސްލާހު ހުށައެޅުމުގެ ފުުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ޑްރާފްޓުގައިވާ ގޮތުން އަލުން ހުޅުވާލާއިރު، ރާއްޖެ އަންނަ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ޖެޓުތަކުން ބައިލައްކަ ޑޮލަރުގެ ފީއެއް ނަގާނެ އެވެ. މީގެ އިތުރުން ސްޕެޝަލް ޓޫރިސްޓު ސްޕެޝަލް ޓޫރިސްޓު ވިސާ ފީގެ ގޮތުގައި 100 ޑޮލަރުގެ ފީއެއް ޓޫރިސްޓުންގެ އަތުން ނަގާނެ އެވެ. އެ ވިސާ ދެވޭނެ އެންމެ ކުރު މުއްދަތަކީ 14 ދުވަހެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުން ރާއްޖެ އާދެވޭނީ އައުމުގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ލިބިގެނެވެ. އަދި ރިސޯޓުތަކަށް ދާއިރު ވެސް ހާއްސަ ފިޔަވަޅު ތަކެއް އަޅަން ޖެހޭނެ އެވެ. އަދި ހިދުމަތް ދޭ ސްޓާފުން މާސްކް އާއި އަންގި ލައްވައިގެން ތިބުމާއި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހުން ހިމެނެ އެވެ. އަދި ޓޫރިސްޓުން ދަތުރު ކުރާއިރު ވެސް ކޮންޓްކްޓް ޓްރޭސް ކުރެވޭނެ ގޮތަށް ބަލައްޓަން މަޖުބޫރު ކޮށްފައި ވެއެވެ.
އަދި ހުރިހާ ސްޓާފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓް (ޕީޕީއީ) ބޭނުން ކުރާނެ ގޮތުގެ ތަމްރީން ދޭން ޖެހެ އެވެ. މީގެ އިތުރުން ރިސޯޓުތަކުގެ ކޮޓަރިތަކުގެ ވަކި އަދަދެއް ހުސްކޮށް ބެހެއްޓުމަށް ވެސް ހުށަހަޅާފައި ވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މި ގައިޑްލައިންގައިވާ ގޮތުން ޕްރައިވެޓް ޖެޓްތަކާއި ސުޕަ ޔޮޓް ފަހަރަށް ހުޅުވާލަން މަސައްކަތް ކުރަނީ ޖޫން އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތަކަށް ޖުލައި އެއްވަނަ ދުވަހު ހުޅުވާލާނެ އެވެ. ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން ޕްލޭން ކޮށްފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.
ޓޫރިޒަމް ހުޅުވާލަން ސަރުކާރުން މަސައްކަތް ކުރާއިރު، ގިނަ ރިސޯޓުތައް މިހާރު ހުރީ ބަންދުވެފަ އެވެ. ޓޫރިޒަމް ބަންދު ކޮށްފައި ވާތީ މި އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނީ 15 ބިލިއަން ރުފިޔާވަރު ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.