ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ވުމުން އަލުން އެއާޕޯޓް ހުޅުވައި، ޓޫރިޒަމް ފަށައި ގަނެވޭނެ ޕްލޭނެއް އެކުލަވާލައި ރައީސް އޮފީހާ މިހާރު ހިއްސާ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅު ވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވި ގޮތުގައި، ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުން، ކުރިއަށް ދެ ތިން ދުވަހެއްގެ ތެރޭގައި ކޮވިޑް-19 އިގެ އެންމެ ނުރައްކާތެރި ފައްތަރު ފެށިގެން ދާނެ އެވެ.
އަދި ބަލި ފެތުރިގަންނާނެ ކަމުގެ ބިރު އޮތް މި ހާލަތު އޮންނާނީ ދެ ހަފުތާ އާއި ހަ ހަފުތާއެއްގެ މުއްދަތަށް ކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވާއިރު، އެ މުއްދަތުގެ ތެރޭގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ތަންފީޒު ކުރެވިއްޖެ ނަމަ، ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، މަޑުމަޑުން އާއްމު ހާލަތަކަށް އެނބުރި ދިއުމުގެ މަސައްކަތް ފެށޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"މި ދެންނެވި އުސޫލުން ޖުލައި މަހު ޓޫރިޒަމް ހުޅުވާލެވޭނެ ކަމަށް އަންދާޒާ ކުރެވެނީ. އަދި މޮޑަރޭޓް ސެނާރިއޯގައި އޮކްޓޯބަރު މަހަށް ދެމިގެން ދާނެ ކަމަށް މި ބަލަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޭރުގެ ބައެއް މާހިރުންނާއި އެހެން ގައުމުތަކުގެ ތަޖުރިބާތަކަށް ވެސް ބަލައިގެން، ޓޫރިޒަމަށް އަލުން ހުޅުވާލާއިރު އަމަލު ކުރާނެ އުސޫލެއް ކަރުދާހަށް ތިރިކޮށް ރައީސް އޮފީހަށް ފޮނުވިފައި ވާނެ ކަމަށެވެ. އަދި އޭގެ ފަހުން، އެ ޕްލޭން ޓޫރިޒަމް ސިނާއަތުގެ އިސް ބޭފުޅުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިސާލަކަށް ފޭސް ވަންގައި ހުޅުވާނީ ކޮން އެއާޕޯޓުތަކެއްތޯ އާއި، ގެންނާނީ ކޮން ފްލައިޓުތަކެއްތޯ، އަދި ކޮވިޑަށް ނެގެޓިވްކަމުގެ ޓެސްޓުތައް ހިފައިގެން އަންނަ ޓޫރިސްޓުން ރިސޯޓުތަކުގައި ފުރަތަމަ 14 ދުވަހަށް ބައިތިއްބާނެ އުސޫލުތައް އެ ޕްލޭންގައި ވާނީ އެކުލަވާލެވިފައި،" އަލީ ވަހީދު ވިދާޅުވި އެވެ.
ޓުރިޒަމާއެކު ރާއްޖޭގެ އިގުތިސޯދު ވަޅުޖެހިފައިވާއިރު، ޓޫރިސްޓުންނަށް އަލުން ރާއްޖެ ހުޅުވާލާނީ ވިޔަފާރިވެރިންނަށްޓަކައި ނޫން ކަމަށާއި، އެކަން ކުރާނީ ރައްޔިތުންނަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.