ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑަށްފަހު ކޮޅަށްޖަހާނީ ދިވެހިންގެ ޓޫރިޒަމެއް: އަލީ ވަހީދު

May 11, 2020
5

ކޮވިޑް-19 ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ޓޫރިޒަމް އަލުން ހުޅުވާލާއިރު، އެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހިންގެ ނިސްބަތް އިތުރުކުރަން ސަރުކާރަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށާއި، މި ބަލިމަޑުކަމަށް ކޮޅަށްޖަހާނީ ދިވެހީންގެ ޓޫރިޒަމެއްކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ރިސޯޓުތަކުގައި އެންމެ މަތީ ފަންތީގެ މަގާމުތަކުގައި ދިވެހިން ތިބެވޭނެ ގޮތަކަށް ޓޫރިޒަމް މާސްޓާ ޕްލޭންގެ ދަށުން ސަރުކާރުން އައީ މަސައްކަތް ކުރަމުން ކަމަށެވެ.

ނަމަވެސް، ކޮވިޑް-19 އިގެ ސަބަބުން މުޅި ސިނާއަތް އެކީގައި ހުއްޓި، އާ ފެށުމަކުން ފަށަންޖެހިފައިވާއިރު އެ ޕްލޭން ތަންފީޒުކުރަން މިއީ އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމާއެކު ގިނަ ރިސޯޓުތައް ހުއްޓި، ބިދޭސީ ގިނަ މުވައްޒަފުންވެސް އެވަނީ އެނބުރި ގޮސްފައި. އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއީ ޓޫރިޒަމުގައި ދިވެހިންގެ ނިސްބަތް އިތުރުކުރަންވީ އެންމެ ރަނގަޅު ވަގުތޭ. އެކަމަށް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ މަޝްވަރާކުރެވި، އެކަމަށް އަޅުގަނޑުމެން ލޮބީވެސް ކުރާނަން، ވަކާލާތުވެސް ކުރާނަން، އަދި މަސައްކަތްވެސް ކުރާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޭރުގެ ބައެއް މާހިރުންނާއި އެހެން ގައުމުތަކުގެ ތަޖުރިބާތަކަށް ވެސް ބަލައިގެން، ޓޫރިޒަމަށް އަލުން ހުޅުވާލާއިރު އަމަލު ކުރާނެ އުސޫލެއް ކަރުދާހަށް ތިރިކޮށް ރައީސް އޮފީހަށް ފޮނުވިފައި ވާނެ ކަމަށެވެ. އަދި އޭގެ ފަހުން، އެ ޕްލޭން ޓޫރިޒަމް ސިނާއަތުގެ އިސް ބޭފުޅުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ދެންނެވި އުސޫލުން ޖުލައި މަހު ޓޫރިޒަމް ހުޅުވާލެވޭނެ ކަމަށް އަންދާޒާ ކުރެވެނީ. އަދި މޮޑަރޭޓް ސެނާރިއޯގައި އޮކްޓޯބަރު މަހަށް ދެމިގެން ދާނެ ކަމަށް މި ބަލަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އެ ތާރީހު ބަދަލުވެގެން ހިނގައިދާނެކަން ފާހަގަކުރައްވަމުން، އަލީ ވަހީދު ވިދާޅުވީ އެއާޕޯޓު އަލުން ހުޅުވާލެވި، ރާއްޖެއަށް އަންނަ ފުރަތަމަ ޓޫރިސްޓާއެކު މި އިންޑަސްޓްރީއަށް ހާއްސަ އެޕް ލޯންކުރެވިގެންދާނެ ކަމަށެވެ.

އެއާއެކު، ރިސޯޓުތަކުގައި ހުރި ދާއިމީ އަދި ވަގުތީ ވަޒީފާގެ ފުރުސަތުތައްވެސް އެ އެޕްގައި ހިމެނިފައިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އެޕް ވާނެ ގޭމް ޗޭންޖާއަކަށް. އެ އެޕްގައި ފޮޓޯގްރާފަރުންނާއި މިއުޒީޝަނުން ފަދަ ބޭފުޅުންނަށް ރިސޯޓުތަކުގައި ހުރި ފުރުސަތުތައްވެސް ފެންނާން ހުންނާނެ. އެ އެފްގެ ސަބަބުން ދިވެހީންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޓުރިޒަމާއެކު ރާއްޖޭގެ އިގުތިސޯދު ވަޅުޖެހިފައިވާއިރު، ޓޫރިސްޓުންނަށް އަލުން ރާއްޖެ ހުޅުވާލާނީ ވިޔަފާރިވެރިންނަށްޓަކައި ނޫން ކަމަށާއި، އެކަން ކުރާނީ ރައްޔިތުންނަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.