ދަތުރުފަތުރު

ރާއްޖޭގެ ޑިމާންޑު މަތިވުމުން ފްލައިޓު ބޮޑުކޮށްފި

Nov 21, 2020
1

އަންނަ މަހު ދަތުރު ފަށާ، ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އަސްތާނާ އިން ރާއްޖޭގެ ޑިމާންޑް މަތިވުމުން ޖާގަ ބޮޑު ފްލައިޓަކަށް ބަދަލުކޮށް، ދަތުރު އަޕްގްރޭޑްކޮށްފި އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އުދުހެން ފަށަން ނިންމާފައިވާ އެއާ އަސްތާނާ އެއާލައިނުން ބުނި ގޮތުގައި ރާއްޖެއަށް ދަތުރު ފަށާއިރު މީހުން އުފުލާނީ އެއާބަސް އޭ 321 އެލްއާރު މަރުކާ ބޯޓު ފަހަރުގަ އެވެ. ނަމަވެސް ޑިސެމްބަރު 16 އިން އަންނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް މީހުން އުފުލަން ބޭނުން ކުރާ ފްލައިޓު ބޮޑު ކުރަން މިހާރު ވަނީ ނިންމާފަ އެވެ.

މި ބަދަލު ގެނައީ ޓޫރިޒަމްގެ އާ ސީޒަނާ ދިމާކޮށް ޑިމާންޑު މަތިވަމުންދާތީ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެއާ އަސްތާނާ އިން ބުނި ގޮތުގައި ރާއްޖޭގެ ޑިމާންޑު މަތިވުމުން އިތުރު ޝީޓުތައް ލިބޭ، ވައިޑް ބޮޑީ 767 މަރުކާރުގެ ބޯޓު ފަހަރަށް އަޕްގްރޭޑް ކޮށްފައިވެ އެވެ. މިފްލައިޓް ރާއްޖެއަށް ދަތުރު ކުރާނީ ބުދަ އަދި ހޮނިހިރު ދުވަހު އެވެ.

ކަޒަކިސްތާނުގެ އެންމެ ކުރިއަރާފައިވާ އެއް ސިޓީ ކަމަށްވާ އަލްމަތީ އިން ރާއްޖެއަށް އެއާ އަސްތާނާ ކުރާ ދަތުރުގައި އިކޮނޮމީ ކްލާހުގެ ފްލައިޓުގެ ޓިކެޓު ވިއްކަނީ 677 ޑޮލަރަށެވެ. އަދި ބިޒްނަސް ކްލާސް ޓިކެޓުގެ އަގުތައް ހުރީ 2067 ޑޮލަރަށެވެ.

ކަޒަކިސްތާނަކީ ރަޝިއާ ހިމެނޭ ރީޖަންގެ ގައުމެވެ. އެ ސަރަހައްދަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ސަރަހައްދެކެވެ. ކޮވިޑް-19 އަށްފަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވުނު ފަހުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ސަރަހައްދަކީ ވެސް އެއީ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ޖުލައި 15 ގައި ހުޅުވި ފަހުން އަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ބޯޑަރު ހުޅުވި ޖުލައި މަހު ސަރުކާރުން 10،000 މީހުން އަންނާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް އައީ 1،500 މީހުންނެވެ. ނަމަވެސް އޭގެ ފަހުން ޓޫރިސްޓުންގެ އަދަދު ދަނީ ހަލުއި ކަމާއެކު އިތުރު ވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން މިހާތަނަށް 59,105 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދުވަނީ، ބޯޑަރު ބަންދު ކުރުމާއެކު އައި 382,760 ޓޫރިސްޓުންނާއެކު ބަލާނަމަ 441,952 އަށް އަރާފަ އެވެ.

މި އަހަރުގެ މާޗު މަހު ބޯޑަރު ބަންދު ކުރިއިރު އެވްރެޖު ގޮތެއްގައި ދުވާލަކު ރާއްޖެއަށް އަންނަނީ 4,206 މީހުންނެވެ. ނަމަވެސް މިހާރު ދުވާލަކު އަންނަނީ 1,991 މީހުންނެވެ. އަދި މިމަހުގެ އެއްކަކުން 18 ގެ ނިޔަލަށް 18,723 ޓޫރިސްޓުން އައިސްފައިވެ އެވެ.