މޯލްޑިވިއަންގެ ޕައިލެޓުންގެ މިމަހުގެ މުސާރަ ލިބޭއިރު، ކޮވިޑްގެ ކުރިން ލިބެމުންދިޔަ މުސާރައިގެ 80 ޕަސެންޓް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ
ޕައިލެޓުންނާއި ބައެއް ކެބިންކުރޫންނާއި އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މިއަދު މެންދުރު 12:00 ޖެހި އިރު ރައީސް އޮފީހުގައި ބައްދަލުކުރައްވާފަ އެވެ.
ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޕައިލެޓުންގެ މުސާރައިގެ ކަންބޮޑުވުންތަކާއި އައިލެންޑް އޭވިއޭޝަނާ ގުޅުންހުރި އެތައް ޝަކުވާތަކެއް ޕައިލެޓުން ހިއްސާކުރި ކަމަށެވެ.
ބައްދަލުވުމުގައި ޕައިލެޓުން ވަނީ ކޮވިޑްގެ ހާލަތުގައި ސަރުކާރަށް މާލީ ގޮތުން އުދަނގޫތައް ކުރިމަތިވި ވަގުތު މުސާރަ ކުޑަކުރުމަށް އެމީހުން އަމިއްލައަށް އެދުނު ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވެ، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ފްލައިޓްތައް ވެސް ދަތުރުކުރަމުންދާތީ ކުރީގެ މުސާރަ މިހާރު ނުދެވޭނެ ސަބަބެއް ނެތް ކަމަށް ޕައިލެޓުން ބުނެފައިވެ އެވެ.
ޕައިލެޓުން ވަނީ 2015 އިން 2018 އާއި ހަމައަށް އެލަވަންސް ނުދޭ މުވައްޒަފުންތަކެއް ކުންފުނީގައި ތިބި ކަން ވެސް ފާހަގަކޮށްފަ އެވެ. އެމީހުނަށް ދައުލަތުން ދޭންޖެހޭ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށްވެސް ބުންޏެވެ. އެހެންކަމުން އެލަވަންސްގެ މައްސަލަ ހައްލުކޮށްދިނުމަށް ވެސް ރައީސްގެ އަރިހުގައި އެދިފައިވެ އެވެ.
މީގެއިތުރުން ކޮވިޑްގެ އުދަގުލުގައި އައިލެންޑް އޭވިއޭޝަނުން މުވައްޒަފުންތަކެއް ކަނޑާލާފައި ނުވާތީ އެކަން ފާހަގަކޮށް ޕައިލެޓުން ވަނީ ޝުކުރުވެސް އަދާކޮށްފަ އެވެ.
މަބްރޫކް ވިދާޅުވީ ޕައިލެޓުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި ކޮވިޑް ކުރީގެ މުސާރަ އެ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި ގުޅިގެން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި ކަމަށެވެ.
"ރައީސް ވިދާޅުވީ މި މަހުގެ މުސާރަ ލިބޭއިރު 80 އިތުރު ވާނެ ކަމަށް. އަދި މި އަންނަ އަހަރު ޖެނުއަރީއަށް އެންމެ ލަސްވެގެން ފުލް މުސާރަ ދެއްވާނެ ކަމަށް." މަބްރޫކް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ގައުމީ އެއާލައިންގެ ގޮތުގައި މޯލްޑިވިއަން ހިންގަން ރައީސް ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން ދުރު ރާސްތާ އަދި ކުރު ރާސްތާ ޕްލޭނެއްގެ ދަށުން ކުންފުނީގައި ހުރި މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީއާއި އައިލެންޑް އޭވިއޭޝަންގެ ކަމާ ގުޅޭ ބޭފުޅުން މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑްގެ ތެރޭގައި ބަލި މީހުން އުފުލުމުގައި މޯލްޑިވިއަންގެ ޕައިލެޓުންނާއި ކެބިންކުރޫން ކުރި މަސައްކަތް ފާހަގަކޮށް ރައީސް ވަނީ އެ ފަރާތްތަކަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ.
ރައީސް ސޯލިހް، ޕައިލެޓުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަތައް 40 ޕަސެންޓަށް ކުޑަކުރި އެވެ. ޕައިލެޓުން ބުނަނީ މި ވަގުތު ދަތުރުތައް އިތުރުވުމުން ކުރީގެ މުސާރަ ދިނުމުގައި އެ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.