މި އަހަރުގައި އިތުރު ދެ އެއާޕޯޓެއް ހުޅުވައި ހަތް އެއާޕޯޓެއްގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވައި އެ ރަސްމިއްޔާތުގައ ވާހަކަފުޅުދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ މިއަދަކީ ޅ. އަތޮޅުގެ ރައްޔިތުން އެތައް ދުވަހަކުށްސުރެ ކުރަމުން އައި އިންތިޒާރުމުގެ ނިމުމެއް ކަމަށެވެ. އަދި މަޑިވަރު އެއާޕޯޓްގެ މަސައްކަތް ކޮށްދިން ކުރައްދޫ އައިލެންޓް ޕްރައިވެޓް ލިމިޑެޓް ގެ އިސްވެރިންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. ކްރައިން އިން ޗަންޕާ ކުންފުންޏަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި ރައްޔިތުން އެހީއަށް ބޭނުންވާ މުހިންމު ދާއިރާތަކަށް ދީލަތި އެހީދޭ ކުންފުންޏެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މަޑިވަރުގައި އެ ކުންފުނިން އެއާޕޯޓް ތަރައްގީކުރެއްވީތީ އެކަމަށް ރައީސް ވަނީ އެ ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވިދާޅުވީ މިއީ އެކުންފުނިން ގައުމަށް ކޮށްދިން ހިދުމަތްތަކަށް އިތުރު ބޮޅެއް ހިމެނިގެންދާ ދުވަހެއް ކަމަށެވެ
"މަޑިވަރުގައި އެއާޕޯޓެއް އެޅުމަގީ މީގެ 16 އަހަރު ކުރިން ސަރުކާރުން ނިންމާފައިވާ ކަމެއް. ރައީސް މައުމޫންގެ ވެރިކަމުގައި 2006 ވަނަ އަހަރުގައި މަޑިވަރު ހޯލްޑިންގްސްގެ ނަމުގައި ކުންފުންޏެއް އުފައްދައި މި ރަށުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމި. އެ ކުންފުނީގެވެސް އެއް ހިއްސާދަރުންގެ ގޮތުގައި މިއަދު މި އެއާޕޯޓް ތަރައްގީކުރެއްވި ފަރާތްތައް ހިމެނޭ. އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތައް އޭރު ގެނެވުނު ބަދަލުތަކާއި ގުޅިގެން މި މަސައްކަތް ދިގުދެމިގެން ގޮސް އެތައް ދުވަހެއް ވޭތުވެގެން ދިޔައީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓް ހުޅުވިއިރު ރޭގަނޑާއި ދުވާލު ފްލަޓް ޖެއްސޭނެ ކަމަށާއި އެއާޕޯޓްގައި ޒަމާނީ އެންމެ ފުރިހަމަ ވަސީލަތްތައް ގާއިމްކޮށްފައިވާ ކަމަށެވެ.
އެއާޕޯޓް ހިންގުމަށް މި ވަގުތު އައިލެންޑް އޭވިއޭޝަނަށް ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އުންމީދު ކުރަނީ ރައްޔިތުން އަދި ރިސޯޓްތަކުން ބޭނުންވާވަރުގެ ހިދުމަތެއް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.
"މި އެއާޕޯޓް ހުޅުވުމާއި އެކު މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިއަދު މި ވަނީ އެއާޕޯޓެއް ހުޅުވިފައި. ސަރުކާރުގެ އަމާޒަކީ 30 މިނެޓުން މީހުން ދިރުއުޅޭ ކޮންމެ ރަށެއްގައި އެއާޕޮޓެއް ގާއިމް ކުރުން. މި އަހަރުގެ ތެރޭގައި އިތުރު ދރ އެއާޕޯޓް ހުޅުވިގެންދާނެ. އެއީ ފަރެސްމާތޮޑާ އެއާޕޯޓާއި މުލީ އެއާޕޯޓް. މީގެ އިތުރުން ހަތް އެއާޕޯތްގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައި." ރައީސް ސޯލިހް ވިދާޅުވި އެވެ.
މަޑިވަރުގެ އެއާޕޯޓާއި އެކުގައި ޅ. އަތޮޅު އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ދަތުރުފަތުރުކުރުނަށް ފަސޭހަވެގެންދާނެ ކަމަށާއި ޅ. އަތޮޅު ރައްޔތުންނަށް ވަޒީފާގެ ފުރުސަތައް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ގެސްޓު ހައުސްތައް ހިންގުމަށާއި ހޯމް ސްޓޭ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޅ؛ އަތޮޅުގައި މިހާރުވެސް 11 ރިސޯޓެއް އެބައޮތް ކަމަށާއި 2818 އެދު އޮޕަރޭޓް ކުރަމުންދާ ކަމަށެވެ. އިތުރު ހަތަރު ރިސޯޓް ތަރައްގީކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުމުން 3975 އެދު ހިމެނޭ ޓޫރިޒަމް އިންޑަސްޓްރީއެއް ފައްދާވެފައި އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މަޑިވަރު އެއާޕޯޓް ކުރިއަށްއޮތްތާގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރުމުގެ ވިސުން ކުރެއްދޫ ހޯލްޑިންސްއިން ގެންގުޅޭ. އެ މަސައްކަތް ފެށުމަށް އެމްޓީސީސީއާއި މަޝްވަރާކޮށްފައިވަނީ. ނަމަވެސް އެމްޓީސީސީގެ މަސައްކަތްތައް ގިނަކަމުން އަދި މަޑުޖެހިފައިވަނީ. އެހެންނޫންނަމަ މިއަދަކީ އެ މަސައްކަތް ފަށަން ނިންމާފައިވާ ދުވަސް." ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި ވިޔަފާރިކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމުތަރައްގީ ވެގެން ދާނީ ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިން އެއްކޮށް މަސައްކަތްކޮށްގެން ކަމަށެވެ.