ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ނިންމައިފި އެވެ.
މިއަހަރު ހުޅުވަން މަސައްކަތް ކުރަމުންދާ މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ބާއްވަނީ އައިލެންޑް އޭވިއޭޝަންއިން އެވެ.
އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް އަވަސްއަށް ވިދާޅުވީ މާދަމާ މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ޖައްސާނެ ކަމަށެެވެ. ނަމަވެސް އާންމު ދަތުރުފަތުރުތައް މަޑިވަރަށް ފަށާަނެ ދުވަހެއްް އޭނާ ވިދާޅެއް ނުވެއެވެ.
މަޑިވަރު އެއާޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާއިރު މި އެއާޕޯޓް ތަރައްގީކުރި ކުރެއްދޫ ހޯލްޑިންގްސްއިން ބޭނުން ވަނީ އެތަން އައިލެންޑް އޭވިއޭޝަންއިން ހިންގާށެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމެއް އެކުލަވާލަން މިހާރު ދަނީ ވާހަކަ ދައްކަމުން ނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އެއްބަސްވުމަކާ ހަަމައަށް އައިސްފައިވޭތޯ އެއްސެވުމަށް މޫސާ ވަސީމް ވަކި ޖަވާބެއް ނުދެއްވި އެވެ.
މަޑިވަރު އެއާޕޯޓް މި އަހަރު ހުޅުވަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާ އިރު އިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިދިޔަ އާދިއްތަ ދުވަހު އަވަސްއަށް ވިދާޅުވީ ޓްރާންސްޕޯޓުން އެންގި މުއްދަތުގައި އެއާޕޯޓް ހުޅުވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މަޑިވަރު އެއާޕޯޓް ވަކި މުއްދަތެއް ހުޅުވަން މީގެ ކުރިން ދެ ފަހަަރު އެއްގުމުން ވެސް މުއްދަތުގައި ނުހުޅުވުނެެވެ.
ސިޓީ ހޮޓަލާއެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ
ކުރިން ސިފައިންގެ ޓްރެއިނިން މަރުކަޒެއް ހިންގި މަޑިވަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ކުރެއްދޫ ހޯލްޑިންސްއިން ކުރިން ބުނެފައިވެ އެވެ.
މިއީ އާއްމުކޮށް ހުންނަ ރީޖަނަލް އެއާޕޯޓުތަކެކޭ އެއް ސައިޒުގެ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތް ކޮށްފައިިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ގިނަ މަސައްކަތްތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ.