ގައުމީ އެއާލައިން މޯލްޑިވިއަންއަށް އޭޓީއާރް މަރުކާގެ ތިން މަތިންދާ ބޯޓު ގަނެދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން (އައިއޭއެސް) އިއްޔެ ވަނީ މި މަތިންދާބޯޓުތައް ގަތުމަށް ފައިނޭންސް ލީސް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފަ އެވެ.
އައިއޭއެސް އިން ބުނެފައިވަނީ މި ބޯޓުތަކަކީ މުޅިން އާ އޭޓީއާރް 600-42 މަރުކާގެ މަތިންދާ ބޯޓުތަކެއް ކަމަށާއި، މި ބޯޓުތައް ގަންނަނީ 15 އަހަރުގެ މުއްދަތުން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ.
މި ތިން ބޯޓު ގަތުމަށް އޭޓީއާރާއެކު އައިއޭއެސް އިން މިހާރު އެއްބަސްވުން ހަދާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މޯލްޑިވިއަންއަށް މި ބޯޓުތައް ބޭނުންވާ ތާރީހުތައްވެސް އިއުލާނުގައި ހިމަނާފައިވެ އެވެ. އެގޮތުން އެއް ބޯޓު މި އަހަރުގެ ޑިސެމްބަރަށް، އަނެއް ބޯޓު މި މަހުގެ ތެރޭ އަދި އެންމެ ފަހު ބޯޓު 2026ގެ އޮކްޓޯބަރަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މަތިންދާ ބޯޓު ގެންގުޅޭ ފަރާތްތަކަށާއި ބޭންކުތަކަށް އަދި ބޯޓު ކުއްޔަށް ދޭ ކުންފުނިތަކަށާއި މާލީ ކުންފުނިތަކަށެވެ. މިހާރު މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރު މަރުކާގެ ހަތަރު ބޯޓު އޮތް ކަމަށް އައިއޭއެސް އިން މަޢުލޫމާތު ދެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މޯލްޑިވިއަންގައި ބޭނުންކުރާ މަތިންދާ ބޯޓްތައް އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދެއެވެ. އެގޮތުން ދުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމަށް ވެސް ވައިގެ އުޅަނދު ކުއްޔަށް ދޭ ބައިނަލްއަގުވާމީ ކުންފުނި ޓްރޫނޯޑްއާ އެކު ދާދިފަހުންވެސް އެއްބަސްވުމެއްގައި ސޮއި ކުރި އެެވެ.