މޯލްޑިވިއަން

މޯލްޑިވިއަން އިން ލަންކާގެ ދަތުރުތައް ފަށައިފި

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ސްރީލަންކާގެ ކޮލަމްބޯއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

މިދަތުރުތައް މިރޭ ރަސްމީކޮށް ފަށްޓަވައިދެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.

މިދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މޯލްޑިވިއަން އިން ލަންކާ ދަތުރުތަކުގެ ދެކޮޅު ޓިކެޓް ވިއްކާ އެންމެ ހެޔޮ ރޭޓަކީ 165 ޑޮލަރެވެ. މިދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ.

މި ފެއާ ރޭޓްގައި 30 ކިލޯގެ ބެގޭޖް އަދި މީލް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.

މީގެ އިތުރުން މޯލްޑިވިއަންގައި ލަންކާއަށް ދަތުރުކުރާ ފަސިންޖަރުންނަށް ކޮލަމްބޯގެ ނަވަލޯކާ ހޮސްޕިޓަލުން ހާއްސަ ޑިސްކައުންޓް ރޭޓެއްގައި ހިދުމަތް ލިބޭނެ ކަމަށްވެސް އެ އެއާލައިނުން ބުނެ އެވެ. އެގޮތުން ހިލޭ މެޑިކަލް ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަން ލިބޭނެ އެވެ. މީގެ އިތުރުން ޑެންޓަލް ޗެކަޕް އާއި ބޮޑީމާސް އިންޑެކްސް އަދި ލޮލުގެ ފެނުން ހިލޭ ޓެސްޓް ކުރެވޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެ އެވެ.

ނަވަލޯކާ ހޮސްޕިޓަލުން ކޮމްޕްލިމެންޓްރީ ބެނެފިޓްސް ތެރޭގައި ފަސިންޖަރުންނަށް އޯޕީޑީ ލެބޯޓްރީ ޓެސްޓްތަކުން 15 ޕަސަންޓް ޑިސްކައުންޓް އަދި އެކްސް-ރޭ އިން ފަސް ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެ އެވެ.