މޯލްޑިވިއަން

ރަތުމަލާނަ ދަތުރުތައް ރޯދައިގެ ފަހަށް

Mar 31, 2022

ސްރީލަންކާގެ ކޮލަމްބޯގެ ރަތުމަލާނާއަށް އެއާޕޯޓަށް ކުރާ ދަތުރުތައް އިފްތިތާހު ކޮށްފައިވީ ނަމަވެސް އެ ދަތުރުތައް ގަވައިދުން ކުރިއަށް ގެންދާނީ ރޯދަ މަހަށް ފަހު ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބުނެފި އެވެ.

ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓް ބޭއްވީ މިމަހުގެ 27 ވަނަ ދުވަހު އެވެ. ރަތުމަލާނާއަށް ކުރާ ދަތުރުތައް ރޯދައަށް ފަހު ފެށުމަށް ނިންމީ ރޯދަ މަހު ދަތުރުކުރާ މީހުންގެ އަދަދު މަދުވާ ކަމަށް ލަފާ ކުރެވޭތީ ކަމަށް އައިއޭއެސް އިން ބުނެ އެވެ.

އެ ކުންފުނިން ކުރިން ބުނީ ރަތުމަލާނާގެ އެއާޕޯޓާ ކައިރި ސަރަހައްދުތަކުގައި ވަރަށް ގިނަ ދިވެހިން ދިރިއުޅުމަކީ މި އެއާޕޯޓަށް ދަތުރުތައް ފަށާ އެއް ސަބަބު ކަމަށާއި މިދަތުރުތަކާ ގުޅިގެން ދިވެހިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ކުރިން ނިންމާފައި އޮތީ މިމަހުގެ 27 ވަނަ ދުވަހު ދަތުރުތައް ފެށުމަށްފަހު މިމަހުގެ 29 އާއި 31 އަދި ކުރިއަށް އޮތް އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ދަތުރު ކުރުމަށެވެ. އެ ދަތުރުތަކަށް ޓިކެޓް ބުކް ކުރުމަށްވެސް އެ ކުންފުނިން އޭރު ހުޅުވާލި އެވެ.

މޯލްޑިވިއަން އިން ހުޅުލެއާއި ރަތުމަލާނާއާ ދެމެދު ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 299 ޑޮލަރެވެ.

މޯލްޑިވިއަންގެ ދަތުރުތައް މީގެކުރިން ކުރަމުން ދިޔައީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓަށް ކުރާ ދަތުރުތަކަށް ވުރެ ރަތުމަލާނާ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ވަގުތު ކުރުވާނެ އެވެ.

ރަތުމަލާނާ އެއާޕޯޓަކީ ލަންކާގައި 1935 ވަނަ އަހަރު ގާއިމުކުރި އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އެއާޕޯޓެވެ. މިދިޔަ ގިނަ އަހަރުތަކުގައި މި އެއާޕޯޓް ބޭނުންކުރީ ޑޮމެސްޓިކް އޮޕަރޭޝަންތަކުގެ އިތުރުން ބައެއް ޕްރައިވެޓް ޖެޓުތަކަށެވެ.