އައިލެންޑް އޭވިއޭޝަން

މޯލްޑިވިއަނަށް އޭ330 އެއާބަހެއް ގެންނަން ސޮއިކޮށްފި

ދުނިޔޭގައި އުފައްދާ އެންމެ ބޮޑެތި މަތިންދާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއާބަސްގެ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެެޑާއި ޓްރޫނޯޑްއާ ދެމެދުގަ އެވެ.

ޓްރޫނޯޑްއަކީ އެއާލައިންތަކަށް މަތިންދާބޯޓު ފޯރުކޮށްދޭ ނަން މަޝްހޫރު ކުންފުންޏެކެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާޒެވެ. ޓްރޫނޯޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ކާސްޓް ލިންޑްބޫމް އެވެ.

މިރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށާއި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ބޯޓެއް އިތުރުކުރެވުމުގެ ސަބަބުން މީހުން އުފުލޭ މިންވަރު އިތުރުވެ، ނަތީޖާއެއްގެ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ،" އަމީން ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ 330-200 ބްރޭންޑުގެ މަތިންދާބޯޓުތަކެކެވެ.

މި ބޯޓަކީ 13،000 ކިލޯމީޓަރު ދުރަށް އެއްވެސް އެއާޕޯޓެއްގައި ނުޖައްސާ ޑައިރެކްޓުކޮށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ ބޯޓެވެ. އަދި މިއީ ނެރޯ-ބޮޑީ މަތިންދާބޯޓެއް ދަތުރުކުރާ ރާސްތާއާ އަޅާބަލާއިރު ތިން ގުނަ އިތުރު ދުރުމިނެކެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާޒު ވިދާޅުވީ މި އަހަރުގެ ފަހުކޮޅު މި ބޯޓު ގެނައުން ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށް ކަމަށެވެ. އަދި މުސްތަގުބަލުގައި ޔޫރަޕާއި އެފްރިކާގެ ގައުމުތަކަށްވެސް ދަތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.