އެމްއޭސީއެލް

އައިއޭއެސް އިން އެމްއޭސީއެލްއަށް 1.2 ބިލިއަން ރުފިޔާ ދަރާފައި

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް 1.2 ބިލިއަން ރުފިޔާ ދައްކަންޖެހިފައިވާ ކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން މި މައުލޫމާތު ހާމަކުރެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް އެވެ.

ޝަރީފް ވިދާޅުވީ އައިއޭއެސް އިން އެ ކުންފުންޏަށް ދައްކަންޖެހޭ ބިލިއަނެއްހާ ރުފިޔާ ހުރި އިރު އެމްއޭސީއެލް އިން އެ ކުންފުންޏަށް ޑިސްކައުންޓްތަކެއްވެސް ދީފައިވާ ލިބިފައިވާ މާލީ ގެއްލުން ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންނަކީ އާންމުކޮށް ކްރެޑިޓަށް ހިދުމަތް ދޭ ބައެއްވެސް ނޫން. އެކަމަކު ބައެއް އެސްއޯއީތައް އެބަހުރި [ޑިސްކައުންޓް ދީފައި]" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ތަންތަނުން އެމްއޭސީއެލްއަށް ދައްކަންޖެހޭ ފައިސާ ގަވައިދުން ދައްކަމުން ނުދާތީ އެ ކުންފުނީގެ ބައެއް ކެޕިޓަލް ހަރަދުތައް ކުރުމަށް ދަތިތައް އެބަހުރި ކަމަށެވެ.

އެމްއޭސީއެލްއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީވެސް ގައުމީ އެއާލައިން ހިންގާ ކުންފުނި -- އައިއޭއެސް އިންނެވެ.

އެމްއޭސީއެލް އިން ގައުމީ އައިއޭއެސް އަށް ދީފައިވާ ޑިސްކައުންޓްތަކުގެ ބައެއް މައުލޫމާތު ޝަރީފް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ތެލުން 37.7 މިލިއަން ރުފިޔާ، ޑޮމެސްޓިކް ގްރައުންޑް ހޭންޑްލިން 12.3 މިލިއަން ރުފިޔާ، ކަރަންޓް ބިލްތަކުން 11 މިލިއަން
ރުފިޔާ، ޕާކިން އިން 9.7 މިލިއަން ރުފިޔާ އަދި މަތިންދާ ބޯޓުތަކަށް ހިލޭ ޕާކިން ހަމަޖައްސައިދީފައިވެ އެވެ.

މީގެއިތުރުން އަމިއްލަ އެއާލައިންތަކަށް ނުދޭ އަގުތަކެއްގައި ރެންޓް ޑިސްކައުންޓްތަކެއްވެސް އައިއޭއެސް އަށް އެމްއޭސީއެލް އިން ހަމަޖައްސައިދީފައިވެ އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މި އަހަރު ނިމޭއިރު އެމްއޭސީއެލް އިން އައިއޭއެސް އަށް ދޭ ޑިސްކައުންޓް އެކަނިވެސް 80 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށެވެ. އައިއޭއެސް އިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް މަސައްކަތް ނުކުރާނަމަ އެމްއޭސީއެލް އަށް ދިމާވާ ދަތިތައް އިތުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.