މަޑިވަރު

މަޑިވަރު އެއާޕޯޓްގެ ދަތުރުތައް އިފްތިތާހުކޮށްދެއްވައިފި

Feb 18, 2022

ޅ. މަޑިވަރު އެއާޕޯޓުގެ ކޮމާޝަލް ދަތުރުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

މަޑިވަރުގެ ދަތުރުތައް އިފްތިތާހު ކޮށްދެއްވުމަށް ރައީސް ސޯލިހް މިއަދު މޯލްޑިވިއަންގެ ފްލައިޓެއްގައި މަޑިވަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ އިސްވެރިންނާއި ކުރެއްދޫ ހޯލްޑިންގްސްގެ ވެރިންނާ މަޑިވަރު އެއާޕޯޓްގެ އިސްވެރިންނެވެ.

އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނާ މިއަދު ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އެވެ. އަދި އެއާޕޯޓުގެ ފުރަތަމަ ބޯޑިން ފާސް ރައީސް ސޯލިހާ ހަވާލުކޮށްދެއްވީ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިއާދު އެވެ. ރައީސް އަށް ހަނދާނީ ފިލައެއް ހަދިޔާކުރެއްވީ ކުރެއްދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު) އެވެ.

މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ މަޑިވަރު އެއާޕޯޓްގެ ދަތުރުތައް މިއަދު ފެށިގެންދިއުމަކީ ޅ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ޅ. އަތޮޅަށް ނިސްބަތްވާ ރައްޔިތަކަށްވީތީ އެމަނިކުފާނު ވެސް އެކަމާ މިއަދު އުފާވާ ކަމަށެވެ. ޅ. އަތޮޅު ރައްޔިތުން އެއާޕޯޓެއްގެ ހުވަފެން ދެކޭތާ 16 އަހަރު ވެއްޖެ ކަމަށާއި ދިގު އިންތިޒާރަކަށް ފަހު އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވީތީ ރައީސް ވަނީ ކުރެއްދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު) އަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ މުހައްމަދު މޫސާގެ އަމާޒަކީ މަޑިވަރު އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުން ކަމަށާއި އެ މަޝްވަރާތައް މުހައްމަދު މޫސާއާ އެކު ކުރައްވާފައިވާ ކަމަށެވެ. އެމްޓީސީސީއާ ހަވާލުވެފައި ހުރި މަޝްރޫއުތައް ގިނަ ކަމުން މިއަދު އެކަން ނުފެއްޓުނީ ކަމުގައިވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގެ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިއާދު ވިދާޅުވީ މަޑިވަރު އެއާޕޯޓްގެ ހިދުމަތްތައް ވީހާވެސް ފުރިހަމައަށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަޑިވަރު އެއާޕޯޓާ އެކު ޅ. އަތޮޅަށް އިގްތިސޯދީ ކުރިއެރުންތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

މަޑިވަރު އެއާޕޯޓްގެ ދަތުރުތައް ފެށުމަށްޓަކައި އެ އެއާޕޯޓްގައި މަސައްކަތް ކުރާނެ މުވައްޒަފުން ވެސް މިދިޔަ މަހު ވަނީ ހޯދާފަ އެވެ.

މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މަޑިވަރު އެއާޕޯޓަށް އެއްކޮޅަށް ޓިކެޓެއްގެ އަގަކީ 1،029 ރުފިޔާ އެވެ. ދެކޮޅު ޓިކެޓްގެ އަގަކީ 2،058 ރުފިޔާ އެވެ.

ސިޓީ ހޮޓަލަކާ އެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ.

މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމާ އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. އައިލެންޑް އޭވިއޭޝަނުން މަޑިވަރު އެއާޕޯޓް ހިންގުމާ ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.