ޑޮމެސްޓިކް އެއާޕޯޓް

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް މާވަށް ކައިރީގައި އަޅަން ގޮވާލައި ކެމްޕޭނެއް ފަށައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެންފައިވާތީ އެ އެއާޕޯޓް ލ. މާވަށް ކައިރީގައި އަޅައިދިނުމަށް ގޮވާލައި ކެމްޕޭނެއް ފަށައިފި އެވެ.

ލ. އަތޮޅުގައި މިހާރު އެއާޕޯޓެއް އޮތީ ލ. ކައްދޫގައެވެ. މިއެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކަން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލހް ވައުދުވެވަޑައިގެންފައިވަނީ ލ. ހިތަދޫ އަދި ކުނަހަންދޫއާ ކައިރީގައި އެ އެއާޕޯޓް އެޅުމަށެވެ. މާވަށް ވެސް އޮންނަނީ ހިތަދޫ އާއި ކުނަހަންދޫއާ އެއް ފަޅެއްގައި އެކަމަކު ލ. އަތޮޅުގައި ވަރަށް ބޮޑަށް އެކަހެރި ރަށެއްގެ ގޮތުގައެވެ.

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ލ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އެ އެއާޕޯޓް އަޅާނެ ވަކި ތަނެއް އިއުލާނެއް ނުކުރައްވަ އެވެ.

މާވަށް ކައިރީގައި އެއާޕޯޓް ހެދުމަށް އެރަށުގެ ބަޔަކު ހާއްސަ ކެމްޕޭނެއް ފަށާފައިވާއިރު މިސަރުކާރުގެ ވިސްނުން ބޮޑަށް ހުރީ ހިތަދޫ ކައިރީގައި އޮންނަ މެންދޫ ކިޔާ ފަޅު ރަށެއްގައި އެއާޕޯޓް އެޅުމަށެވެ.

ހިތަދޫ ކައުންސިލުންވެސް ތާއީދުކުރަނީ މެންދޫގައި އެއާޕޯޓެއް އެޅުމަށެވެ. ކަމާ ގުޅުންހުރި ޕްރޮޕޯސަލެއް ތައްޔާރުކޮށް ހިތަދޫ ކައުންސިލުން ވަނީ ރައީސްއަށް ހުށަހަޅާފަ އެވެ.

މާވަށު ކައުންސިލުން ބުނީ ސަރުކާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 ނުވަތަ 25 މިނެޓުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް އޮތުން ކަމަށެވެ. ނަމަވެސް މެންދޫގައި އެ އެއާޕޯޓެއް އަޅައިފިނަމަ މާވަށު މީހުން އެތަނަށް ދާން 45 މިނެޓެއްހާއިރު ނަގާނެ ކަމަށެވެ. އެހެންވެ މާވަށު ކައުންސިލުން ވެސް އެދެނީ އެރަށުގެ ކައިރީގައި އެއާޕޯޓް އެޅުމަށެވެ.