މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހަދާފައިވާ ކުޑަގިރި މިހާރަށް ވުރެ ފުރިހަމައަށް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށެވެ.
ހީނާ ވިދާޅުވީ ކުޑަގިރީގައި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާ ކަމަށެވެ.
"ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށް ވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭގޮތަށް ސަރުކާރުން ތަރައްީކުރާނެ،" ހީނާ ވިދާޅުވި އެވެ.
ރައީސް ސޯލިހް ވެރިކަމުގައި ފަޅެއްގެ ގޮތުގައި އޮތް ތަނެއް ހިއްކާ، މާލޭގެ ރައްޔިތުން ޕިކްނިކް ދިއުމަށް އެ ތަނުގައި ރަށެއް ތަރައްގީކޮށް ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ.
ކުޑަގިރިއަށް ދަތުރުދާ މީހުން ހަފްތާގެ ރަސްމީ ދުވަސްތަކުގައި ދަތުރުދާނަމަ ފެރީ ޓިކެޓަށް ބޮލަަކަށް ދެކޮޅަށް 25 ރުފިޔާ ދައްކަން ޖެހެ އެވެ. އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ މި އަގުތަކުގެ ދެބައިކޮށްފަ އެއްބަ އެވެ. މީގެ އިތުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނަށް އެއްވެސް ފީ އެއް ނުނަގާނެ އެވެ. އަދި ހަފްތާ ބަންދުގައި ކުޑަގިރިއަށް ދިއުމަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ.
ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފަ އެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށި ހަދާފައިވެ އެވެ. ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރު އަދި ވޯޓާ ސްޕޯޓްސް ސެންޓަރު ހިމެނެ އެވެ.
މީގެއިތުރުން އެޑްމިން ބިލްޑިން އަކާއި، ފްރަންޓް އޮފީހަކާއި، ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި، 44 ސީސީޓީވީ ކެމެރާ މި ރަށުގެ އެކި ސަރަހައްދުގައި ގާއިމުކޮށްފައިވެ އެވެ.
ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް މާލެ އާއި ހުޅުމާލެ އިން ޓިކެޓް ދޫކުރުމުގެ އިންތިޒާމުތައްވެސް ހަމަޖެހިފައިވެ އެވެ.