ޑރ. މުހައްމަދު މުއިއްޒު

ފ. ނިލަންދޫ އެއާޕޯޓް ތަރައްގީ ކުރާނީ ޖެޓް ޖެއްސޭ ފެންވަރަށް: ރައީސް

ފ. ނިލަންދޫ އެއާޕޯޓް ތަރައްގީ ކުރާނީ ޖެޓް ޖެއްސޭ ފެންވަރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނިލަންދޫގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ އެ އެއާޕޯޓް ތަރައްގީކުރާނީ އެންމެ ޒަމާނީ ފެންވަރަށް ރައްޔިތުން އުންމީދުކުރާ ގޮތަށް ކަމަށެވެ.

އެ ރަށުގައި އެއާޕޯޓް ތަރައްގީކުރާނީ 1،800 މީޓަރުގެ ރަންވޭއަކާއެކު ކަމަށާއި އެ އެއާޕޯޓަށް ޖެޓް ޖެއްސޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއާޕޯޓްގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ދެން ނުހުއްޓޭނެ ކަމަށެވެ.

މީގެ އިތުރުން ނިލަންދޫ ފަޅުގައި ދެ ރިސޯޓާއި ސިޓީ ހޮޓަލެއް ތަރައްގީ ކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފ. ނިލަންދޫއަކީ ރާއްޖޭގައި ގާއިމުކުރާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީކުރާނީ 20 އަހަރުގެ މާސްޓަ ޕްލޭނެއްގެ ދަށުން ކަމަށާއި އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދޭނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.