ރައްޔިތުންގެ މަޖިލިސް

މަގޫދޫ އެއާޕޯޓް ހުއްޓުވުން: މަޖިލީހަށް ކުއްލި މައްސަލައެއް

ފ. މަގޫދޫ އެއާޕޯޓް މަޝްރޫއު ހުއްޓުވާފައިވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 22 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަހުމަދު ހަލީމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަގޫދޫ އެއާޕޯޓްގެ މަޝްރޫއު ފެށީ ކްރޮސް ސަބްސިޑީ އުސޫލުން 21 މިލިއަން ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ލިބިގެން ކަމަށެވެ.

އަހުމަދު ހަލީމް ވިދާޅުވީ މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަގޫދޫ އެއާޕޯޓް މަޝްރޫއުގެ 70 އިންސައްތަ ނިމިފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ މަޝްރޫއު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

"ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިންމާ އެ ރަށާއި ޖެހިގެން ގާތްގަނޑަކަށް 10 މިނެޓުން ދެވެން އޮތް ފ. ނިލަންދޫ ދާއިރާގައި ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެ ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުން ވަނީ އިއުލާނުކޮށްފަ. މިއީ ރައީސުލްޖުމްހޫރިއްޔާ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމާފައިވާ ނިންމުމެއްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް އެނގޭ،" އަހުމަދު ހަލީމް ވިދާޅުވި އެވެ.

އަހުމަދު ހަލީމް ވިދާޅުވި ގޮތުގައި މި ނިންމުމަކީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ ޒާތީ އަދި އަމިއްލަ މަސްލަހަތު އިސްކޮށް ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ގާނޫނުގެ ހުދޫދުން ބޭރުން ބޭނުންކޮށްގެން ނިންމާފައިވާ ނިންމުމެއްކަން ފެންނަ ކަމަށެވެ.

މިއީ ރައްޔިތުންގެ މަންފާއަށް ކުރީގެ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި އެއަށްވުރެ ފުރިހަމައަށް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދާ ހިލާފު ނިންމުމެއް ކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަހުމަދު ހަލީމް ފާހަގަކުރެއްވި އެވެ.

"ސަރުކާރުގެ މި ނިންމުމަކީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް،" އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ސަރުކާރުން ނިންމާފައިވާ ނިންމުން މުރާޖައާކުރުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.