ޑރ. އަބްދުﷲ މުއްތަލިބް

މަގޫދޫ އެއާޕޯޓް ބޭކާރެއް ނުވާނެ، ބޭނުންކުރެވޭނެ ކިތަންމެ ގޮތެއް އެބަހުރި: މުއްތަލިބް

ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އެ އެއާޕޯޓުގެ ބޭނުން ސަރުކާރަށް ކުރެވޭނެ ކިތަންމެ ގޮތެއް އެބަހުރި ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މުއްތަލިބް މިހެން ވިދާޅުވެފައި މިވަނީ މަގޫދޫ އެއާޕޯޓުގެ 75 ޕަސަންޓުގެ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމާފައި ވަނިކޮށް މަގޫދޫއާއި ދާދި ގާތުގައި އޮތް ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފެށުމާ ގުޅިގެންނެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ މިހާރު ވަނީ ހަވާލުވެސް ކޮށްފަ އެވެ.

ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއު އިއުލާންކޮށް އެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ފަށައިގަތީ ނިމިގެން ދިޔަ ރައްޔިތޔުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށްފަ އެވެ. އެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ، ފާތިމަތު ސައުދާ ވާދަކުރައްވާ ގޮނޑި ކާމިޔާބު ކުރައްވާފައިވާތީ މިއީ ސައުދާގެ ކެމްޕޭނަށް ސަރުކާރުން ފެށި މަސައްކަތެއް ކަމަށް ވާދަވެރިން ދިޔައީ ބުނަމުންނެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ މަގޫދޫ ކައިރީގައި އޮތް ނިލަންދޫގައި އެއާޕޯޓެއް އެޅި ނަމަވެސް މަގޫދޫ އެއާޕޯޓަކީ ކުރެވޭ ބޭކާރު ހަރަދަކަށް ނުވާނެ ކަމަށެވެ. އެގޮތުން ވިދާޅުވީ ރާއްޖޭގައި ވައިގެ ހިދުމަތުގެ ދާއިރާއާއި ގުޅޭ ކޯސްތަކާއި ތަމްރީންތައް ހަދަން ބޭނުންވާ ކުދިންނަށް ތަމްރީންތަކަށް އެއާޕޯޓެއް ބޭނުންވާ ކަމަށާއި އަދި ދިވެހި ސިފައިން މިހާރު ބޭނުންކުރާ ޑްރޯންތައް ގެންގުޅެންވެސް ސިފައިން ހާއްސަ އެއާޕޯޓެއް ބޭނުންވާ ކަމަށެވެ. ނަމަވެސް މަގޫދޫ އެެއާޕޯޓް ބޭނުންކުރާނީ ސީދާ ކޮން ބޭނުމަކަށް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

"މަގޫދޫ އެއާޕޯޓް ބޭނުންކުރެވޭނެ މިކަހަލަ ކިތަންމެ ގޮތްތަކެއް އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ފ. ނިލަންދޫ އެއާޕޯޓް ތަރައްގީކުރާނީ 1،800 މީޓަރުގެ ރަންވޭއަކާއެކު އެތަނަށް ޖެޓް ޖެއްސޭނެ ގޮތަށް ކަމަށް މިދިޔަ އޭޕްރީލް 14 ވަނަ ދުވަހު ނިލަންދޫއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިނިސްޓަރު މުއްތަލިބް މިއަދު ވިދާޅުވި ގޮތުން ނިލަންދޫގައި އަޅަނީ 2،500 މީޓަރަށް ރަންވޭ ދިގު ކުރެވޭ ގޮތަށް އަޅާ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. މުއްތަލިބް ވިދާޅުވީ ފ. އަތޮޅު ހިމެނޭ ސަރަހައްދަށް އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާ ކަމަށް އެ ސަރަހައްދުގައި އިންވެސްޓްކޮށްފައިވާ ވިޔަފާވެރިން ވިދާޅުވާ ކަމަށެވެ. މަގޫދޫ ރަންވޭ ދިގުކުރަން ސަރުކާރުން ބޭނުންވި ނަމަވެސް އެ ރަށުގެ ރަންވޭ އެންމެ ދިގުކުރެވެން އޮތީ 1،800 މީޓަރަށް ކަަމަށްވެސް ވިދާޅުވި އެވެ.