މުހްތާޒު މުހުސިން

އެއާޕޯޓް އަޅަން ބިން ހިއްކަން ހަވާލުކުރި ބައެއް ކުންފުނިތަކުގައި ޑްރެެޖަރެއްވެސް ނެތް: މުއްތަލިބް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަޅަން ނިންމާފައިވާ ސަރަހައްދީ އެއާޕޯޓްތަކުގެ މަސައްކަތް ހުއްޓިފައިވަނީ އެއާޕޯޓް އެޅުމަށް ހިއްކާ ބިންތައް ހިމާޔަތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރަން އެއްބަސްވުންތަކުގައި ހިމަނާފައި ނުވާތީ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބުދުއްﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ސަރަހައްދީ އެއާޕޯޓުތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބް ވާހަކަދެއްކެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދު ވިލުފުށީގައި އެޅުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިއުލާން ކުރި އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.

މެންބަރަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ވިލުފުށްޓާއެކު ތިންރަށެއްގެ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް ސޯލިހްގެ ސަރުކާރުގައި ފަށާފައިވާ ކަމަށެވެ. ނަމަވެސް ހިއްކާ ބިންތައް ހިމާޔަތްކުރުމުގެ އެއްވެސް ވާހަކައެއް އެއްބަސްވުންތަކުގައި ނެތް ކަމަށާއި އަދި ކޮންޓްރެކްޓަރަށް އެޑްވާންސްކޮށް ދޭންޖެހޭ ފައިސާވެސް ހުރީ ނުދީ ކަމަށްވެސް ވިދާޅުވި އެވެ.

ސަރަހައްދީ އެއާޕޯޓްތަކާ ގުޅޭ މައްސަލަތައް ހައްލުކުރުމަށްޓަކާ މިހާރު ކުރަމުންދާ މަސައްކަތަކީ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކާ ވާހަކަ ދައްކައިގެން އެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް ހޯދުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވި ގޮތުގައި ސަރަހައްދީ އެއާޕޯޓުތައް އެޅުމަށް ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ އެކަން ކުރުމުގެ ގާބިލުކަން ނެތް ބަޔަކާ އެވެ.

"ކޮންޓްރެކްޓަރަކީ އެއްވެސް ވަރަކަށް އެމީހުންގެ އަތުގައި ޑްރެޖަރެއްވެސް ހުރި ބައެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ސަރަހައްދީ އެއާޕޯޓުތަކުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިފަދަ މަސައްކަތް އާންމުކޮށް ކުރާ ވަރަށްވުރެ އަގުބޮޑުކޮށް ކަމަށެވެ. އެގޮތުން ތިން ރަށުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ 43 މިލިއަން ޑޮލަރަށް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްޓަކައި އަދި ވެރިކަމުގައި ހުންނަވައިގެން އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވި ރަށްތަކަކީ ހދ. މަކުނުދޫ، ށ. ބިލަތްފަހި، ރ. ބެރިޔަންފަރު، ބ. ތުޅާދޫ، ފ. މަގޫދޫ އަދި ތ. ވިލުފުށްޓެވެ. މިރަށްތަކުގައި އެއާޕޯޓެއް އަޅަން އިއުލާންކުރުމަށްފަހު އޭގެ އެތައް މަހެއް ފަހުން ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމަށް އެމްޑީޕީގެ ސަރުކާރުގައި އިއުލާންކޮށް މަސައްކަތް ފުރަތަމަ ފެށީ އަލިފުށީގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް އިތުރު ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެއީ ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށްޓެވެ. މީގެއިތުރުން މިސަރުކާރުގައި މިހާރު ވަނީ ފ. ނިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.