ރައްޔިތުންގެ މަޖިލިސް

ފެނަކައިން އެމްޑަބްލިޔުއެސްސީއަށް ދިން މަޝްރޫއުތަކުގެ އަގު އެއް ބިލިއަން ރުފިޔާ

ފެނަކައަށް ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތައް އެ ކުންފުނި ވަކިކޮށް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް އިންފްރާސްޓްރަކްޗާ މިިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ 20 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ފެނަކައާއި ހަވާލުކޮށްފައިވާ މަޝްރޫއުތައް އެ ކުންފުނިން ވަކިކޮށް އެމްޑަބްލިއުއެސްސީއަށް ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފެނެކައާ ހަވާލުކޮށްފައިވާ މަޝްރޫއުތައް މަޑުޖެހި ކުރިއަށް ނުދިއުމުގެ ސަބަބުން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން މިހާރު ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ފެނަކަ އަކީ މިކަހަލަ ޕްރޮޖެކްޓް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވާތީއާއި ހިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑަރަކަށް ވާތީ ސަރުކާރުން ނިންމީ ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއެއްގެ ކޮންޓްރެކްޓް ބާތިލު ކުރުމަށްފަހު އެމްޑަބްލިޔުއެސްސީއާ ވާހަކަދައްކައިގެން ކުރިއަށް ގެންދިއުމަށް،" މިިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވޒި ފެނަކައިގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަނީ 720 ދުވަހުގެ ތެރޭގައި ހުރިހާ މަޝްރޫއެއް ނިންމާ، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ޝަރުތު ކުރުމަށްފަހު ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އާރްއޯ ބިލްޑިންގެ މަސައްކަތްތައް ވަނީ 49 އިންސައްތަ ނިންމާފަ އެވެ. އަދި ނަރުދަމާ ނެޓްވޯކްގެ މަސައްކަތްތަކުގެ 66 އިންސައްތަ ނިންމާފައިވާއިރު، ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތްތަކުގެ 54 އިންސައްތަ ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިމަޝްރޫއުތަކުގެ ބާކީ ހުރި މަސައްކަތްތައް އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާ އެކު ހަދަންޖެހޭ އެއްބަސްވުން ހަދައި، އެއް މަޝްރޫއެއްގެ ގޮތުގައި 20 ރަށުގެ މަސައްކަތް ހަވާލުކުރާނެ ކަމަށެވެ.

"ސަރުކާރުން ކޮންމެހެންވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަކަށް ވާތީ ހިދުމަތް ނުލިބިހުރި އެއްވެސް ރަށެއްގެ ފެނާއި ނަރުދާމާގެ މަޝްރޫއެއް އަލުގަނޑުމެން ހުއްޓާލާ، މަޑުޖައްސާލައިގެން ނުތިބޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.