ޑރ. އަބްދުﷲ މުއްތަލިބް

ފައިސާ ލިބުމުން އައްޑޫ ބްރިޖު މަޝްރޫއު ކުރިއަށްދާނެ: މުއްތަލިބް

އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތްތައް ފައިސާ ހަމަޖެހުނުހާ އަވަހަށް ކުރިއަށްދާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ބްރިޖު މަޝްރޫއާ ގުޅޭގޮތުން ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ ބްރިޖުގެ މަޝްރޫއަކީ ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ.

މިމަޝްރޫއު ހަވާލުކޮށްފައިވަނީ މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާ އެވެ. ބްރިޖު މަޝްރޫއުގެ ސާވޭތައް ދަ އަރަބް ކޮންޓްރެކްޓާސް އިން ހަދައިދެނީ ހިލޭ އެވެ.

އައްޑޫސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު މިއީ ގާތްގަނޑަކަށް 13-15 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ.

މިނިސްޓަރު މުއްތަލިބް މިއަދު ވިދާޅުވީ އައްޑޫ ބްރިޖު މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކަކީ ގާބިލް ބަޔަކަށް ވާތީ ފައިސާ ހޯދުމަށް އެ ކުންފުނިތަކާވެސް ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މިމަޝްރޫއަށް ލޯނެއް ނެގުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މިވަގުތު ފައިސާ ހަމަ ނުޖެހެނީސް ކޮންޓްރެކްޓެއްގެ ތެރެއަށް ވަންނާކަށެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ އައްޑޫ ބްރިޖު މަޝްރޫއަށް ބޭނުންވާ ފައިސާ ދަ އަރަބް ކޮންޓްރެކްޓާސްއަށް ހޯދޭ ގޮތް ނުވެއްޖެނަމަ މިމަސައްކަތް ކުރެވޭ އެހެން ބަޔަކާ އެއްކޮށްވެސް ކުރިއަށް ދިއުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

"މިވަގުތު ކުރަމުން ދަނީ އެ ފަރާތުން ހުށަހަޅާފައި ހުރި ފައިނޭންސިން ކަންކަން އެއީ ސަރުކާރަށް އެކްސެޕްޓެބަލް ކަމެއްތޯ ބަލާ އިވެލުއޭޓްކޮށް، އެ ފަރާތާ މަޝްވަރާކުރުމުގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.