ރައްޔިތުންގެ މަޖިލިސް

ފައިދާ ވާނީ ނިލަންދޫގައި އެއާޕޯޓް ހަދައިގެން: އަބްދުލްމުހުސިން

ދައުލަތަށް އެންމެ ފައިދާ ބޮޑުވާނީ ފ. އަތޮޅުގެ އެއާޕޯޓް ނިލަންދޫގައި ތަރައްގީކުރުމުން ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު ވިދާޅުވެއްޖެ އެވެ.

ފ. މަގޫދޫ އެއާޕޯޓް މަޝްރޫއު ހުއްޓުވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން އަބްދުލްމުހުސިން ވިދާޅުވީ ދައުލަތުން މަޝްރޫއުތައް ހިންގަންވާނީ ވަކި ރަށަކަށް ބަލައިގެން ނޫން ކަމަށާއި ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ ގޮތް ބަލައިގެން ކަމަށެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި އަބްދުލްމުހުސިން ވިދާޅުވީ ނިލަންދޫގައި ތިން އަހަރުވަންދެން ބަޖެޓްކޮށްފަ އޮތް އެއާޕޯޓް މަޝްރޫއު މަގޫދޫއަށް ބަދަލުކުރީ ކޮން ގޮތަކަށްކަން ކާކު ހިތް ރުއްސަންކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ.

ފ. އަތޮޅުގައި އެންމެ އާބާދީ ބޮޑު އަދި ބިން ބޮޑު ރަށަކީ ނިލަންދޫ ކަމަށާއި ދައުލަތުގެ މުއައްސަސާތައް ހުރީ އެރަށުގައިކަން އަބްދުލްމުހުސިން ފާހަގަކުރެއްވި އެވެ.

"ފ. އަތޮޅުގައި އެއާޕޯޓެއް އަޅާކަމަށްވާނަމަ ދައުލަތަށް އެންމެ ގެއްލުން ކުޑަވާނީ ދައުލަތަށް އެންމެ ފައިދާ ބޮޑުވާނީވެސް ނިލަންދޫގައި އެ މަސައްކަތް ކުރުމުގެ ސަބަބުން،" އަބްދުލްމުހުސިން ވިދާޅުވި އެވެ.

މަގޫދޫގައި އެއާޕޯޓް އަޅައިފިނަމަ ހަރަދު ދެގުނަ ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖެއްސުމަށް މަޝްރޫއުތައް ބަދަލުކުރުމަކީ މައްސަލައެއްކަން ފާހަގަކުރައްވާ އަބްދުލްމުހުސިން ވިދާޅުވީ އެކަމަށް ގާނޫނީ ހައްލެއް ގެނެވެންޖެހޭ ކަމަށެވެ.

"މިހާރުވެސް ސަރުކާރުން ވެއްޖެ މިކަމާ ގުޅޭ ބިލެއް ހުށަހަޅާފަ. އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓްގެ ބިލެއް،" އަބްދުލްމުހުސިން ވިދާޅުވި އެވެ.