ރޯދަ މަހުގެ ފަހު 10 އާއި ފިތުރު އީދަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނަނީ އެޕްރީލް ހަތް ވަނަ ދުވަހު ކަމަށެވެ.
"އަޅުގަނޑުމެން މި ކުރިމަތިލަނީ ބަރަކާތްތެރިވެގެންވާ ރަމަޟާން މަހުގެ ފަހު 10 އަށް. އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ އަދި އިލްތިމާސްއަކީވެސް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10ގައިވެސް ރައްޔިތުންނަށް ނަމޫނާ ދައްކަވަމުން ގެންދެވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.