ރައްޔިތުންގެ މަޖިލިސް

މަޖިލިސް ކޮންޓްރޯލް ކުރަނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގައި ކުރިއަށްދިޔަ ކޮމެޓީ ރިޕޯޓެއްގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހަޅުއްވާފައިވާ މައްސަލަ އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ މަޖިލިސް ކޮންޓްރޯލްކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

"އިއްޒަތްތެރި ރައީސަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މި މަޖިލީހަކީ މިހާރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގައި ވަކިން ހާއްސަކޮށް ރައީސަކީ (މަޖިލީހުގެ ރައީސް) ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލްގައި އިންނެވި ބޭފުޅެއް. ބޮޓުންތަކެއް އޮޕަރޭޓްކުރާ ގޮތަށް މިތަން މި އޮޕަރޭޓްކުރަނީ..." މައުރޫފު ޒާކިރު ވިދާޅުވި އެވެ.

މައުރޫފު އެހެން ވިދާޅުވުމުން އަބްދުއްރަހީމް ވަނީ މައުރޫފުގެ ވާހަކަ މެދުކަނޑާލައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިހާނެތިކޮށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންނެވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލިސް ހިންގަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް އޮތް ގޮތަށް މުޅި މަޖިލީހުގެ ކޮންޓްރޯލް އޮތް ގޮތަށާއި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިން މީހަކު ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލްކުރާ ކަމަށް ތި ވިދާޅުވި ވިދާޅުވުމަކީ އެއްގޮތަކަށްވެސް ރަނގަޅު ވިދާޅުވުމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށެވެ. މިއީ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމަކާ ނުލައި އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެގެން މަސައްކަތް ކުރެވޭ ގޮތަށް އޮތް ނިޒާމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ނިސްބަތް ވެވަޑައިގަންނަވާ ޕާޓީގެ ސުޕަ މެޖޯރިޓީ މިތާ އޮތުމަކީ އެއީ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު މިތަން ކޮންޓްރޯލްކުރާ ކަމަށް ވާހަކަ ވިދާޅުވެވޭނެ ސަބަބެއް ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންނަކީ "ބޮޓުން" ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން މީގެ ކުރިންވެސް ވިދާޅުވެފައިވާއިރު އެ ގޮތަށް ވާހަކަ ނުދެއްކެވުމަށް އަބްދުއްރަހީމް އެދިވަޑައިގެންފައިވެ އެވެ.

Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345