ރައްޔިތުންގެ މަޖިލިސް

ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީއަށް

ހުސައިން ޝަހީދު
0%
0%
0%

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުސައިން ޝަހީދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޝްވަރާ ދެއްވާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް މީހަކު ހޯދަން ދެވަނަ ފަހަރަށް ޖޭއެސްސީ އިން އިއުލާން ކުރީ ފުރަތަމަ ފަހަރު އިއުލާންކޮށްގެން ކުރިމަތިލީ އެންމެ މީހެއް ކަމަށްވާތީ އެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް އަދި ކުރީގެ ގާޒީ މަރްޔަމް ނިހާޔަތެވެ.

ދެވަނަ ފަހަރަށް އިއުލާން ކުރުމުން ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދުއާއެކު ގާނޫނީ ވަކީލް ރުސްދުﷲ އިބްރާހީމް ކުރިމަތިލެއްވި އެވެ.

ޖޭއެސްސީ އިން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާ އެރުވުމަށް ނިންމި އެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ފަނޑިޔާރު ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމާއި ސްޓޭޓް އެޓާނީއެއްގެ މަގާމުވެސް ފުރުއްވާފަ އެވެ.

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ އޮކްޓޫބަރު 30، 2023 ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910